ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދިވެހިން ހޭދަކުރާ ގޮތާ ބެހޭ ސާވޭ މި މަހު 24 އިން 30 އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލްގައި ކުރިއަށް ގެންދާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.
ކޮންމެ އަހަރަކު ވެސް ކުރާ މި ސާވޭގެ ބޭނުމަކީ، އެމްއެމްއޭ އިން ބުނި ގޮތުގައި، ދިވެހިންނާއި ބޭރުގެ ފަރާތްތަކާ ދެމެދު ކުރާ އިގްތިސާދީ މުއާމަލާތްތަކާ ގުޅޭ ތަފާސްހިސާބު ތައްޔާރުކުރަން ބޭނުންވާ މައުލޫމާތު ހޯދުމެވެ.
މި ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރަނީ ރާއްޖެއިން ބޭރުގައި ދިވެހިން ފައިސާ ހަރަދުކުރާ ގޮތުގެ މައުލޫމާތެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގުސަދާއި ދަތުރު ކުރި ގައުމާއި ޓިކެޓުގެ ހަރަދާއި ކެއުމާއި ހުރުމުގެ ހަރަދާއި ބޭސް ފަރުވާއަށް ކުރި ހަރަދު އަދި ދަތުރުފަތުރަށް ހޭދަވި ހަރަދުގެ އިތުރުން ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ހޭދަކުރި ވަރު ހިމެނޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނީ އެ ސާވޭގައި ވަކިވަކި ފަރުދުންނާ ގުޅޭ ގޮތުން އެއްކުރާ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީން ދޭ ކަމަށެވެ. އަދި އެ މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ ހުރިހާ ދިވެހިން އެ ސާވޭއަށް ފުރިހަމަ އެއްބާރުލުންދޭން އެމްއެމްއޭ އިން އެދެ އެވެ.