ބޮޑު ޗުއްޓީއާ ދިމާކޮށް ފުލުހުން ހިންގާ "ރިވެލި އޮޕަރޭޝަން" މާދަމާ ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްދަލުވުމެއްގައި އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ އޮޕަރޭޝަން މާދަމާ ރެއިން ފެށިގެން ޖެނުއަރީ ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. މިއަހަރުގެ އޮޕަރޭޝަން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ކައިރީގައި ހުރި ރިސޯޓްތަކުގައި ވެސް ހިންގާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މި އޮޕަރޭޝަނުގައި އަޅުގަނޑުމެން ހާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ޒިޔާރަތްކުރާ ފަރާތްތަކުގެ [ރައްކާތެރިކަން ކަށަވަރުކުރަން] އަދި މާލޭގައި މި ހިންގާ ކުށްތައް އިތުރަށް މަދުކުރުމަށްޓަކައި އިތުރު ފުލުހުން މާލެ ތެރޭގައި ހަރަކާތްތެރިވަމުންދާނެ، " ޝަރީފް ވިދާޅުވި އެވެ.

އެ އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނިގޮތުގައި މާލެ ސަރަހައްދުގައި މިއަހަރު 3،000 އަށް ވުރެ ގިނަ މައްސަލަތައް ރިޕޯޓްކުރި އިރު އޭގެ ތެރެއިން ބޮޑު ބަޔަކީ ވައްކަމުގެ މައްސަލަތަކެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް މާލެއިން 3،449 މައްސަލަ ރިޕޯޓްކުރި އިރު އޭގެ ތެރެއިން 1،425 މައްސަލަ އަކީ ވައްކަމުގެ މައްސަލަ ކަމަށެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 41 ޕަސެންޓް ނުވަތަ ދުވާލަކު ގާތްގަނޑަކަށް 4 ވައްކަމުގެ މައްސަލަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވައްކަމުގެ މައްސަލަތަކުގެ 93 ޕަސެންޓަކީ ސައިކަލާއި އިލެކްޓްރޯނިކްސް ސާމާނު ވަގަށް ނެގި މައްސަލަަތަކެވެ.

"މާލެއަށް ހުށަހެޅުނު [ވައްކަމުގެ] މައްސަލައިގެ 93 ޕަސެންޓަކީ ސައިކަލާއި އިލެކްޓްރޯނިކްސް އާއި މޮބައިލްފޯނު [ވަގަށް ގެންދިއުމުގެ މައްސަލަ]، ދެން ސައިކަލް ހޯދުމަކީ ރިކަވާކޮށްދިނުމަކީ އަޅުގަނޑުމެން ހާއްސަަ ސަމާލުކަމެއް ދީގެން ކުރާ ކަމެއް. އެގޮތުން މިއަހަރު މިހާތަނަށް 967 ސައިކަލް ގެއްލުނު އިރު އަޅުގަނޑުމެން ވާނެ 865 ސައިކަލު ހޯދައިދީފައި، އެއީ 89 ޕަސެންޓް ގެއްލުނު ސައިކަލުގެ" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ހޯދި ސައިކަލްތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 47 މިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ފުލުހުން ހޯދައި، ހަވާލުކުރި މުދަލުގެ ޖުމްލަ އަގު 50 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.