ތަކުރާރުކޮށް އެކި ކުށްތައް ކުރާ 1،000 މީހުންގެ ތެރެއިން އެންމެ ގިނައިން ކުށްކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގައި ފުލުހުން ކުރާ މަސައްކަތްތަކުގެ ތަފްސީލުދޭން އިސްކަންދަރުކޮށީގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާލޭގައި ވައްކަންކުރުން ގިނަވާ އެއް ސަބަބަކީ ތަކުރާރުކޮށް ކުށްކުރާ މީހުން ދޫވެފައި ތިބުން ކަމަށެވެ. ވައްކަން ގިނަވާ ދެވަނަ ސަބަބަކީ ވަގަށް ގެންދަން ފުރުސަތު ލިބޭ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މުދާ ބެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަކުރާރުކޮށް ކުށްކުރާ ގާތްގަނޑަކަށް 1،000 [މީހުން] އެބައުޅޭ، 1،000 މީހުން ގާތްގަނޑަކަށް ހަމަ ހުރިހާ ވައްކަންތަކެއްގައި ޝާމިލުވަނީ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ތަކުރާރުކޮށް ކުށްކުރާ މީހުންގެ ތެރެއިން ބައެއް މީހުން މި އަހަރުގެ މިހާތަނަށް ވެސް 1،012 ފަހަރު ހުއްޓުވައި ސުވާލު ކޮށްފައިވެ އެވެ. އަދި 128 ފަހަރު ހައްޔަރު ކޮށްފައިވާ މީހުންނާއި 580 ފަހަރު ހުއްޓުވައި ސުވާލުކޮށް، 55 ފަހަރު ހައްޔަރު ކޮށްފައިވާ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މި މީސްމީހުން މަގުމަތީގައި އުޅުމަކީ އަސްލުގައި ކުށް ހިނގަން ވަރަށް ބޮޑަށް ދިމާވާ ސަބަބެއް،" އޭނާ ވިދާޅުވި އެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވެފައި ތިބޭ މައްސަލަ ހައްލުކުރަން ފުލުހުން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ އެފަދަ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރަން ގިނަ އަދަދެއްގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
"އެހެންވީމާ ހުކުމެއް އެ ފަރާތްތަކަށް ކުރެވިގެން ހައްޔަރު ކުރެވޭ ދުވަހަކުން އަޅުގަނޑުމެންނަށް މީގެ ނަތީޖާ ފެނިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރަނީ،" ޝަރީފު ވިދާޅުވި އެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައު އިން އެއްފަރާތްކުރަން ކުރާ މަސައްކަތާ ބެހޭ ގޮތުން، އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން މިހާރު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
"މިދިޔަ މަހުން ފެށިގެން މި އުޅެނީ ފަށައިގެން، ހަމަ ރިޕީޓް އޮފެންޑާސް ތެރޭގައި އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން، މީގެ ތެރެއިން ހުކުމެއް އަންނަ މީހުން މުޖުތަމައުން އެއްފަރާތް ކުރުމަށް ޓަކައި އަވަހަށް ހުކުމް ކުރުމުގެ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ނަތީޖާ ހަ މަސް ތެރޭގައި ފެންނާނެ އެވެ.