ފުލުހުންގެ އިންޓެލިޖެންސުން ކަމަށް ބުނެ މާލޭގެ ގެސްޓްހައުސްއަކަށް ބަޔަކު ވަދެ އެތަނުން ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ރޭ ބުނީ ފަރިވާ ސްޓޭ އަށް ތިން މީހަކު ވަދެ އެތަނުގައި ތިބި ތިން މުވައްޒަފެއްގެ އަތުގައި ކްލިޕް އެޅުވުމަށް ފަހު އެތަނުން ބައެއް ތަކެތި ފޭރިގެން ގެންދިޔަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެކަން ހިނގީ ކިހާ އިރަކުކަމެއް އަދި ފޭރުނީ ކިހާ އަގުހުރި އެއްޗިއްސެއް ކަމެއް އަދި ނޭނގެ އެވެ. އެކަމާ ބެހޭ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
މާލޭގައި ފޭރުމުގެ ގިނަ ޖަރީމާތަކެއް ފަހަކަށް އައިސް ހިންގާފައިވެ އެވެ. އެގޮތުން " ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން މިދިޔަ މަހު ބަޔަކު މަސައްކަތް ކުރި އެވެ. އެކަން ނާކާމިޔާބުކޮށްލީ ފިހާރައިގެ މުވައްޒަފުންނާއި ބޭންކް އޮފް ސިލޯންގެ ގާޑު ކުރި މަސައްކަތުންނެވެ. އެ ފޭރުމުގައި ބައިވެރިވި ގިނަ މީހުން ހޯދައި ހައްޔަރުކޮށް، ފުލުހުން ވަނީ އެމީހުންގެ ވަނަވަރު ވެސް އާއްމުކޮށްފަ އެވެ.