ރޭ މާލޭގައި ދެ ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލައިފި އެވެ. އޭގެ ތެރެއިން، އެއް މައްސަލައެއްގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 28 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ހަވީރީ ހިނގުމުގައި ހުންނަ ތްރީއެޗް މާޓުން ވައްކަން ކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ޒުވާނާ އެ ފިހާރަ އިން ވައްކަން ކުރަން ވަދެ އުޅެނިކޮށް ހިފެހެއްޓީ އާއްމު މީހެކެވެ. ނަމަވެސް، އޭނާ އެ ފިހާރަ ތެރެއަށް ވަތް ގޮތެއް އެނގޭ ގޮތެއް އަދިއެއް ނުވެ އެވެ.
ތްރީއެޗް މާޓުން ވައްކަން ކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ހަވީރު 4:40 ހާއިރެވެ.
ރޭ ދެން ވައްކަން ކޮށްފައި ވަނީ މަޖީދީ މަގުގައި ހުންނަ ރަވާބީ ނަމަކަށް ކިޔާ ފިހާރަޔަކުންނެވެ. އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ފައިސާ އާއި ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް އަދިއެއް މީހަކު ހައްޔަރެއް ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ރަވާބީ ފިހާރަ އިން ވައްކަން ކުރި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ހެނދުނު 6:23 ގަ އެވެ.
"އެ ދެ ވައްކަން ގުޅުމެއް ނެތް. މައްސަލަ ތަހުގީގު ކުރަމުން އަންނަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.