މާލޭގައި މި އަހަރު ހިންގި ކުށްތަކަށް ބަލާއިރު ގިނައީ ވައްކަންތައް ކަމަށާއި ގިނައިން ވަގަށް ނަގާފައި ހުރީ މީހުންގެ ސައިކަލާއި މޯބައިލް ފޯނު ކަހަލަ އިލެކްޓްރޯނިކްސް ސާމާނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލެ އޭރިއާގެ ފުލުހުން ކުރި މަސައްކަތްތަކުގެ ތަފްސީލުދޭން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް މާލެއިން 3،449 މައްސަލަ ރިޕޯޓްކުރި އިރު އޭގެ ތެރެއިން 1،425 މައްސަލަ އަކީ ވައްކަމުގެ މައްސަލަ ކަމަށެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 41 ޕަސެންޓް ނުވަތަ ދުވާލަކު ގާތްގަނޑަކަށް 4 ވައްކަމެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައްކަމުގެ މައްސަލަތަކުގެ 93 ޕަސެންޓަކީ ސައިކަލާއި އިލެކްޓްރޯނިކްސް ވަގަށް ގެންދިޔަ މައްސަލަަތަކެވެ.
"މާލެއަށް ހުށަހެޅުނު [ވައްކަމުގެ]މައްސަލައިގެ 93 ޕަސެންޓަކީ ސައިކަލާ އިލެކްޓްރޯނިކްސް އާއި މޮބައިލްފޯނު [ވަގަށް ގެންދިއުމުގެ މައްސަލަ]، ދެން ސައިކަލް ހޯދުމަކީ، ރިކަވާކޮށްދިނުމަކީ އަޅުގަނޑުމެން ހާއްސަަ ސަމާލުކަމެއް ދީގެން ކުރާ ކަމެއް. އެގޮތުން މިއަހަރު މިހާތަނަށް 967 ސައިކަލް ގެއްލުނު އިރު އަޅުގަނޑުމެން ވާނެ 865 ސައިކަލު ހޯދައިދީފައި، އެއީ 89 ޕަސެންޓް، ގެއްލުނު ސައިކަލުގެ" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ހޯދި ސައިކަލްތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 47 މިލިޔަން ރުފިޔާ އަށް އަރަ އެވެ.
އެއާ އެކު ފުލުހުން ހޯދާ ހަވާލުކުރި މުދަލުގެ ޖުމްލަ އަގު 50 މިލިޔަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އެ މިއަހަރު އަދަދަށް މާލޭގައި ވައްކަންކުރި ރިޕޯޓްކުރި ނަމަވެސް އެއީ މިދިޔަ އަހަރަށް ވުރެ މަދު އަދެދެކެވެ. މިދިޔަ އަހަރު ވެސް މާލޭގައި ވައްކަން ރިޕޯޓްކުރީ އޭގެ ކުރީ އަހަރަށް ވުރެ މަދުން ކަމަށް ވެސް ވިދާޅުވި އެވެ.
ވައްކަންކުރާ މީހުންގެ ކިބައިން މުދާ ސަލާމަތްކުރަން ފަރުދީގޮތުން ބައެއް ފިޔަވަޅުތައް އަަޅަން ވެސް ފުލުހުން މިއަދު އިލްތިމާސްކުރި އެވެ. އެގޮތުން ދިން އެއް އިރުޝާދަކީ ސައިކަލް މަޑިދަށުގައި އަގުބޮޑު އެއްޗިހި ބަހައްޓާފައި ނުދިއުމާއި ސައިކަލް ތަނެއްގައި ބަހައްޓާ ނަމަ ޝަޓަލޮކް އަޅުވާފައި ބެހެއްޓުމާއި ދިގު މުއްދަތަަކަށް ފުރައިގެން ދާ ނަމަ މީހަކާ ސައިކަލް ހަވާލުކޮށްފައި ދިއުމެވެ.
ޗުއްޓީއަށް ތަންތަނަށް ދާއިރު ގެދޮރު ރަނގަޅަށް ތަޅުލާފައިދާން ވެސް ފުލުހުން އިލްތިމާސްކުރި އެވެ.