ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލްގެ ހިއްސާ އޮތް ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ފައިސާ ދޫކުރުމަށް މި ސަރުކާރަށް ލަފާ ދެއްވާފައި ނުވާނެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހުގައި ރިފްއަތަށް ކުރިމަތި ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، ބިގަށް ފައިސާ ދޫކުރީ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް އޭރު ދެއްވި ލަފައަކަށް ކަމަށެވެ.
ރިފްއަތު ވިދާޅުވީ، ބިގަށް ފައިސާ ދޫކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ދައުލަތަށް ރައްދުވާ ގޮތަށް އޮތް ހުކުމެއް ނޫން ކަމަށާއި އެއީ ދައުލަތުން އިސްތިއުނާފު ކުރަން ޖެހޭ މައްސަލައެއް ވެސް ނޫން ކަމަށެވެ. މި މައްސަލައިގައި ޖަވާބުދާރީ ވާން ޖެހޭނީ ގުޅުން ހުރި ކުންފުނިތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިގް ކުންފުންޏަށް ފައިސާ ދިނުމަށް އެދި، އަޅުގަނޑު އެޓާނީ ޖެނެރަލް އޮފީހާ ހަވާލުވި ފަހުން ލަފާ އަރުވާފައި ނުވާނެ،" ރިފްއަތު ވިދާޅުވި އެވެ.
އެކަމަކު، އެމްއެންބީސީ އުވާލައި އޭގެ ބަދަލުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ގާއިމު ކުރުމުގެ ގާނޫނުގެ ދަށުން އެމްބީސީގެ ނަމުގައި ކުންފުންޏެއް އުފެއްދުމުން އެމްއެންބީސީން ދައްކަން ޖެހޭ ފައިސާ ދައްކަންވީ ގޮތާ މެދު އަމަލު ކުރަން ޖެހޭ ގޮތެއް ބަލަން ސެޕްޓެމްބަރު 20، 2016 ގައި ޕްރައިވައިޓައިޒޭޝަން ބޯޑުގެ ފަރާތުން އެޓާނީ ޖެނެރަލް އޮފީހުގެ ލަފައަކަށް އެދިވަޑައިގެންނެވި ކަމަށް ރިފްއަތު ވިދާޅުވި އެވެ.
އެމްއެންބީސީގެ ހުރިހާ ހައްގުތަކާއި އިލްތިޒާމްތައް އެމްބީސީ އަށް ބަދަލުވެ، އޭގެ ފަހުން އެމްބީސީގެ ހައްގުތަކާއި އިލްތިޒާމްތައް ޕީއެސްއެމަށް ބަދަލުވެފައިވާތީ އެމްއެންބީސީން ބިގް ކުންފުންޏަށް ދޭން ޖެހޭ ފައިސާ އަކީ ޕީއެސްއެމުން ދޭން ޖެހޭ ފައިސާ ކަމަށް އުޝާމް ކަނޑައެޅުއްވި ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތުގެ ވާހަކަތަކާ ގުޅިގެން އުޝާމް ވިދާޅުވީ އެޓާނީ ޖެނެރަލް އޮފީހުގައި 10 އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި އިރު، އެތައް ސަތޭކަ ލަފައެއްގައި ސޮއިކުރެއްވި ކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރު، އެފަދަ އެތައް ލަފައެއް ބަދަލު ކުރައްވާފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އެހެންވެ، ބިގް ކުންފުންޏާ ގުޅޭ ގޮތުން ދެއްވި ލަފާ މުރާޖައާ ނުކުރެއްވީ ކީއްވެތޯ އުޝާމް ސުވާލު ކުރެއްވި އެވެ.
ނަމަވެސް އުޝާމަށް އިތުރަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވައި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަވާބުދާރީވާން ފުރުސަތު ނުދެއްވޭނެ ކަމަށް ވިދާޅުވެ، އުޝާމްގެ ވާހަކަތައް ހުއްޓުވައިފަ އެވެ. އެކަމަކު، ރިފްއަތު ވިދާޅުވީ ބިގަށް ފައިސާ ދިނުމުގެ މައްސަލަ އަކީ ދައުލަތަށް ދައުވާ ލިބޭ މައްސަލައަކަށް ނުވާތީ، އޭޖީ އޮފީހުން ދީފައި އޮތް ލަފައެއް މުރާޖައާ ޖެހޭ ހުއްޖަތެއް ނެތް ކަމަށެވެ.
ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެމްއެންބީސީން ބިގަށް 78 މިލިއަން ރުފިޔާ ދޭން ޖެހި އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ޕީއެސްއެމުން ވަނީ ދައްކައިފަ އެވެ.
ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 78 މިލިއަންގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.
ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ.
އެމްޑީޕީގެ ސަރުކާރު ވެރިކަމުގައި އޮތް އިރު ދައުލަތުގެ މީޑިއާ ހިންގަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ނަމުގައި، ހާއްސަ ގާނޫނެއް ހެދި އެވެ. އެކަމަކު އޭރު އިދިކޮޅު ފަަރާތްތަކުން ކޮންޓްރޯލްކުރި ރައްޔިތުންގެ މަޖިލިހުން ހެދި އެ ގާނޫނަށް އަމަލްކުރުމުގެ ބަދަލުގައި، ނަޝީދުގެ ނިންމެވުމަކަށް ވީ، ސަރުކާރުގެ ކޮންޓްރޯލް ދޫނުކޮށް، ސަރުކާރުން ވަކި ކުންފުންޏެއް ހަދައި، އޭގެ ދަށަށް ޓީވީއެމާއި ދައުލަތުގެ ރޭޑިއޯ ސްޓޭޝަންތައް ގެންދިއުމެވެ. އެމްއެންބީސީ އުފެއްދީ އެ ނިޔަތުގަ އެވެ.
އެކަމަކު ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެމްބީސީގެ ގާނޫނާ އެއްގޮތަށް، ޓީވީއެމް އާއި ރޭޑިއޯ ސްޓޭޝަންތައް އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަކީ، އެމްބީސީގެ ގާނޫނު އުވާލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ގާނޫނެއްގެ ދަށުން، ދައުލަތުގެ މީޑިއާއާ ހަވާލުވި ކުންފުންޏެކެވެ.