ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދޭނެ ބޭފުޅަކު ކަނޑައަޅަން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާގެ ނަން މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ރަައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ކޮމިޝަނާ ޖެނެރަލް އޮޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް އައްޔަންކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މުހައްމަދު ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުަމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. 

އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮގް ޓެކްސޭޝަންގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް ވަޑައިގަންނަވަން އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.