ޓެކްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ:ނިޝާން އަލީ| މިހާރު
15 ނޮވެމްބަރ 2025 - 14:33
ޓެކްސް ނިޒާމުގެ އިތުބާރު ދެމެހެއްޓުމަކީ ޓެކްސް ނެގުމާ ގުޅޭ ދާއިރާގެ ހުރިހާ ޕްރޮފެޝަނަލުން ވެސް ހިއްސާވެ، ޒިންމާވާން ޖެހޭ ކަމެއް ކަމަށާއި އެހެންވެ އެ ދާއިރާގެ އިތުބާރު ދަމަހައްޓަން ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު މިއަދު އެދިވަޑައިގެންފި އެވެ.
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް، (ސީއޭ މޯލްޑިވްސް) އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން މިއަދު ކުރިއަށް ގެންދާ ޓެކްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ޒަރީރު ވިދާޅުވީ، މުޅި ދުނިޔޭގައި ޓެކުހާ ގުޅޭ ގޮތުން ކުރާ މަސަައްކަތުގެ އަމާޒަކީ އެ ދާއިރާ އިން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރު ކުރުން ކަމަށެވެ.
އޯގަނައިޒޭޝަން އޮފް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ) އިން ހިންގާ ބެޕްސް ޕްރޮޖެކްޓްގައި އެޑްރެސް ކުރަނީ ޓެކްސް އެވޮއިޑެންސް އަށެވެ. އެއީ "ޓެކްސް އެވޮއިޑެންސް" އަށް ސަރުކާރުތަކުން ދޭ ލުއިތަކާއި އިނާޔަތްތައް ބޭނުންކުރުމާއި އެ ނޫން ވެސް ގޮތް ގޮތުން، ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުކުރުމެވެ.
މީރާ އާއި ސީއޭ މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ ޓެކްސް ފޯރަމްގައި ޓެކްސް ދާއިރާގެ ޕްރޮފެޝަނަލުން މިއަދު ބައިވެރިވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
ޒަރީރު ވިދާޅުވި ގޮތުގައި ޓެކްސްގެ ނިޒާމަށް މިހާރު އޮތް އެއް ގޮންޖެހުމަކީ ޑިޖިޓަލް އިކޮނޮމީ އިން ޓެކްސް ނެގުމެވެ.
"މި މައްސަލަތަކަކީ ރާއްޖެ ފަަދަ ކުދިކުދި އިގުތިސާދުތަކާ ވަރަށް ބޮޑަށް ގުޅޭ މައްސަލަތައް. މިއަދު މި ތަަނަށް ވަޑައިގެންނެވި ޓެކްސް ޕްރޮފެޝަނަލުންނަށާއި ޓެކްސް އޭޖެންޓުނަށާއި ޓެކްސް ލޯޔަރުންނަށް އަޅުގަނޑު ހަނދާން ކޮށްދޭން ބޭނުންވަނީ އަޅުގަނޑުމެން އެންމެންގެ ޒިންމާއަކީ ޓެކްސް ނިޒާމުގެ އިންޓަގްރިޓީ އާއި އިންސާފުވެރިކަން ދެމެހެއްޓުން ކަން،" ޓެކްސް ކޮމިޝަނަރު ވިދާޅުވި އެވެ.
ޓެކްސް އަށް މަކަރު ހަދައި، ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ މަދުކުރަން އެހީތެރިވާ ސްކީމުތަކަށް އެހީތެރިވުމަކީ ހަމަ އެކަނި އިތުބާރު ގެއްލޭނެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީ އަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީރާ އާއި ސީއޭ މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ ޓެކްސް ފޯރަމްގައި ޓެކްސް ދާއިރާގެ ޕްރޮފެޝަނަލުން މިއަދު ބައިވެރިވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
ސީއޭ މޯލްޑިވްސް އާއި މީރާ ގުޅިގެން މިއަދު ފެށި ޓެކްސް ފޯރަމަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ. މީރުމާ ހޯލްގައި ކުރިއަށް ގެންދާ އެ ފޯރަމްގައި 150 ފަރާތަކުން ބައިވެރިވި އެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު، ކުރިއަށް ގެންދާ ދުވަސްވަރެއްގައި ބާއްވާ އެ ފޯރަމްގެ ޝިއާރަކީ "ޝޭޕިން އަ ސްމާޓާ ޓެކްސް ފިއުޗާ ޓުގެދާ" އެވެ.
ޓެކްސް އެކައުންޓިން އަދި އޮޑިޓް ދާއިރާ އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ފޯރަމްގައި ޓެކުހާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާ ދިވެހި ބޭފުޅުންނާއި ބައިނަލް އަގުވާމީ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާނެ އެވެ.
ސީއޭ މޯލްޑިވްސް އިން ބުނި ގޮތުގައި ފޯރަމްގެ ތެރެއިން، ،ޓެކްސްއާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، ޓެކްސް ސިޔާސަތުތައްް އެކުލަވާލާ ފަރާތްތަކާއި ޓެކްސް ޕްރޮފެޝަނަލުން އެއް މޭޒެއްގައި ތިބެ ވަރަށް ގިނަ މަޝްވަރާތައްް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރީތި
15 November 2025
ޓެކްސްއަށް ދައްކާ ފައިސާއިން ސިޔާސީ މީހުން އިސްރާފު ކުރަންޏާ ޓެކްސް ނުދައްކާވޭތޯ އެންމެންވެސް މަސައްކަތްކުރާނެ!
އޮނަރަބްލް އަފީފު ދީދީ
15 November 2025
ޓެކްސް ނަގާނެ އުސޫލު ކަޑައަޅާ އެކަންކަމަށް ތަންފީޒީ އިދާރާ ހަމަޖައްސާ އެތަންތަން ހިންގަން ބޮޑު މުސާރައާއި އިނާޔަތް ދީފައި އެކިވަރުވަރުގެ ވެރިން ލާފައިތިބެނީ ބައެއް ފަރާތްތަކުން ޓެކްސް ނުދައްކާނެކަމާއި، ޓެކްހަށް މަކަރުހަދާ އޮޅުވާލާނެކަން އިގޭތީ، އެފަދަ ކަންކަން ބަލާ ތަޙްޤީގުކޮށް ދައުލަތަށް ދައްކާން ޖެހޭ ފުރިހަމަ ޓެކްސް އެމީހުންގެ އަތުން ހޯދުމަށްކަން އެފަދަ ފަރާތް ތަކަށް ހަދާންކޮށް އިންޒާރު ދެއްވުމަކީ ޓެކްސް އޮފީހުގެ ކޮމިޝަނަރ ގރ ޒިންމާއެއް އިގޭތޯ.
އަފްރާސިޔާބު
15 November 2025
މިހާރު ނާއިންސާފީ ތަ؟ އެހެންވިއްޔާ އެގޮތަށް އޮތަދީ.
ހުސެން ސައީދު
15 November 2025
ތަރައްގީ އެއްނޫން ވެރިން ވައްކަން ކުރަން އާންމުން ފެލައިގެން ފައިސާ ހޯދުން ކަމަށް ސިފަ ވަނީ، އަދި މި ސަބަބާ ހުރެ ހިތުން ރުހުމުން ޓެކްސް ދޭން ބޭނުންނަވާނެ އެއްވެސް މީހެއް، ގައިމު 43 މިލިއްން އެ ތަޅާލީ ޖަލްސާ އަކަށް މީހުން ގެންނަ ވެގެން، ކޮން ބޭނުމެއް؟ އިސްރާުފު މައްޗަށް އިސްރާފު
ނޫސަންގު
15 November 2025
ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އަށް ސަރުކާރުގެ އެހީއާ އެކު ޚިޔާނާތްތެރިވުމަކީވެސް ބޭއިންސާފުން ކުރެވޭ ކަމެއް. ރާއްޖޭގައި އެތަށް މިލިއަންގެ ވިޔަފާރި ކޮށް އެއިން ޓެކްސް ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ބުކިންޑޮޓްކޮމް ގޫގުލް އަގޯޑާ ގޫގުލް ފޭސްބުކް މައިކްރޯސޮފްޓް ހިމެނޭ. އަދި ހަމަ މިގޮތަށް އަހަރަކު އެތަށް ސަތޭކަ މިލިއަނުން އޮންލައިން ވިޔަފާރިކޮށް އެންމެ ރުފިޔާގެ ގޮތުގައި ޖީއެސްޓި ނުލިބޭ. ވިޔަފާރި މާހައުލް އެންމެނަށްވެސް އިންސާފުވެރިވާން ވާނެ
އޮނަރަބްލް އަފީފު ދީދީ
15 November 2025
ޓެކްސް ނަގާނެ އުސޫލު ކަޑައަޅާ އެކަންކަމަށް ތަންފީޒީ އިދާރާ ހަމަޖައްސާ އެތަންތަން ހިންގަން ބޮޑު މުސާރައާއި އިނާޔަތް ދީފައި އެކިވަރުވަރުގެ ވެރިން ލާފައިތިބެނީ ބައެއް ފަރާތްތަކުން ޓެކްސް ނުދައްކާނެކަމާއި، ޓެކްހަށް މަކަރުހަދާ އޮޅުވާލާނެކަން އިގޭތީ، އެފަދަ ކަންކަން ބަލާ ތަޙްޤީގުކޮށް ދައުލަތަށް ދައްކާން ޖެހޭ ފުރިހަމަ ޓެކްސް އެމީހުންގެ އަތުން ހޯދުމަށްކަން އެފަދަ ފަރާތް ތަކަށް ހަދާންކޮށް އިންޒާރު ދެއްވުމަކީ ޓެކްސް އޮފީހުގެ ކޮމިޝަނަރ ގރ ޒިންމާއެއް އިގޭތޯ.