އަންނަ އަހަރުގެ އާމްދަނީ އިތުރު ކުރުމަށް ދައުލަތުން އެއްވެސް ޓެކްސްއެއް ބޮޑު ނުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރަނީ ޓެކްސްގެ ނިޒާމު އެފިޝިއެންޓްކޮށްގެން ކަމަށެވެ. އަދި ޓެކްސްއާ ގުޅޭ ލޫޕްހޯލްތައް ބައްދައި، ގާނޫނުތަކާއި ގަވައިދުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް ޓެކްސް އާއި ހިލޭ އެހީގެ ގޮތުގައި 43.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.

ޒަރީރު ވިދާޅުވީ، މި އަހަރު ތައާރަފުކުރި "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމްގެ" ބޭނުން އިތުރަށް ފުޅާކޮށް، "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓެކުހުގެ ނިޒާމު ހަރުދަނާ ކުރުމަށް، ޒަމާނީ އީ-އިންވޮއިސިން ނިޒާމެއް ތައާރަފުކުރުމަށް ރޭވިފައިވާ ކަމަށެވެ.

"މި ފިޔަވަޅުތަކުގެ ސަބަބުން އިދާރީގޮތުން އާމްދަނީ ބެލެހެއްޓުން ހަރުދަނާވެ، ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ. އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށާއި، ކޮމްޕްލަޔަންސް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފިސްކަލް މެންޑޭޓް މި މިނިސްޓްރީން ބެލެހެއްޓުމަށް ބަދަލުކުރުމަށާއި ޓެކުހުގެ ގާނޫނުތަކަށް އިސްލާހުތައް ގެނައުމަށް މި ބަޖެޓުގައި ވާނީ ހުށަހަޅާފަ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު ޓެކްސް ބޮޑު ނުކުރަން ނިންމާފައިވާ އިރު ޓެކްސްއަށް ބޮޑެތި ބަދަލުތަކެއް އެންމެ ފަހުން ގެނެސްފައިވަނީ 2024 ވަނަ އަހަރު އެވެ. އެ އަހަރުގެ ނޮވެމްބަރު މަހު އެއާޕޯޓު ޑިވަލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑުކޮށްފައިވާ އިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކްސް ބޮޑުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ ވަނީ 17 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. 

މިދިޔަ މަހު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުން އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ތަސްދީގުކުރި ނަމަވެސް، ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކާ ހެދި އެބަދަލަށް އަމަލުކުރުން ވަނީ މަޑުޖައްސާލާފަ އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހެޅި ބަޖެޓަކީ 59.7 ބިލިއަން ރުފިޔާ އެވެ.