ރާއްޖޭގެ މަސްރަހު ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑު ކުރަން ހުށަހަޅައިފި އެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރެސީއާ ގުޅުން ހުރި ކަންކަމުގައި ކޮމަންވެލްތަށް ލަފާ ދޭ ކޮމަންވެލްތު ހިއުމަން ރައިޓްސް އިނީޝިއޭޓިވް (ސީއެޗްއާރުއައި)ން މި މަހުގެ ކުރީކޮޅު ރާއްޖެ އައިސް ބެލި ބެލުންތަކަށް ފަހު ރިޕޯޓެއް އެކުލަވާލައި އޭގައި ވަނީ ކޮމަންވެލްތަށް ހުށަހަޅައިފަ އެވެ. އަދި އަންނަ ހުކުރު ދުވަހު ބާއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ރާއްޖެއާ ގުޅޭ ގޮތުން ކަންތައްތަކެއް ނިންމައިދޭން ވަނީ އެދިފަ އެވެ.

ސީއެޗްއާރުއައިން މިއަދު އާއްމުކުރި ރިޕޯޓުގައި ބުނި ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ދިވެހި ސަރުކާރުން ކުޑަ ވެސް ފަރުވާލެއް ނުބަހައްޓާއިރު، ޑިމޮކްރެސީ އާއި ގާނޫނުގެ ހުކުމާއި އިންސާނީ ހައްގުތަކުގެ ހާލަތު ރާއްޖޭގައި ދަނީ ދަަށަށެވެ. އެ ގޮތުން ދައުލަތުން ކުރަމުން ދާ ކަންކަމުގެ ތެރޭގައި، އަސާސީ ހަައްގުތައް ނިގުޅައިގަތުމާއި އިދިކޮޅު ސިޔާސީ ފަރާތްތައް ނައްތާލުން އަދި ދައުލަތުގެ ބާރުތަކާއި މިނިވަން މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހިމެނެ އެވެ.

"ޑިމޮކްރެޓިކް މުއައްސަސާތަކާއި އަސާސީ ހައްގުތައް ކަށަވަރުކުރަން ބޭނުންވާ އިސްލާހީ ފިޔަވަޅުތައް އެޅުމަށް އދ. އާއި ކޮމަންވެލްތާ އެކު ދިވެހި ސަރުކާރުން އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ ތަނެއް ނުފެނެ އެވެ،" ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަންތައް އެއްވެސް ވަރަކަށް އިސްލާހުކޮށްފައި ނުވާ ކަމަށް ވެސް ސީއެޗްއާރުއައިން ބުންޏެވެ. އެގޮތުން، އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ކުރިއަށް ގެންދާ ޕާޓީތަކުގެ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، އިދިކޮޅު ލީޑަރުން މިނިވަންކުރަން ދެކޮޅު ހެދުމާއި އިދިކޮޅު އިއްތިހާދު ގަބޫލުނުކުރުމުން އެ މަޝްވަރާތަކުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ސިޔާސީ ކުށްވެރިން ދޫކޮށްލުމާއި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް އޮތުން ކަށަވަރުކުރަން ސީމެގުން ސަރުކާރަން އަންގާފައި ވިޔަސް އެފަދަ އެއްވެސް ފިޔަވަޅެއް މިހާތަނަށް އައި އިރު އަޅާފައި ނުވާކަން ސީއެޗްއާރުއައިން ފާހަގަކުރި އެވެ. އޭގެ ބަދަލުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ ކަމަށް ސީއެޗްއާރުއައިން ބުންޏެވެ. އަދި ބުނީ ސިޔާސީ މައްސަލަތަކާ ގުޅިގެން ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާއިރު، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ޖަލު ހުކުމެއް އިއްވާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ފަހުކޮޅު އަމަލުކުރަން ފެށި ޓެރަރިޒަމް ގާނޫނު މިހާތަނަށް އައި އިރު މުޅިން ވެސް ބޭނުންކޮށްފައި ވަނީ، ސީއެޗްއާރުއައިން ބުނި ގޮތުގައި، ސިޔާސީ މަގުސަދުތައް ހާސިލުކުރާށެވެ. އޭގެ އިތުރުން ވެސް، އަބުރު ރައްކާތެރިކުރުމަށް ބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ގޮތަށް ގާނޫނެއް ހަދާފައިވާ ކަމަށާއި އެއްވެ އުޅުން ވެސް ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ވަރަށް ބޮޑަށް ހަނިކޮށްފައިވާކަން އެ ޖަމާއަތުން ފާހަގަކުރި އެވެ.

"... މިއީ [ރާއްޖެއާ ދެކޮޅަށް] ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވީ ވަގުތެވެ،" ރިޕޯޓުގައިވެ އެވެ.

އެހެންވެ، ސީއެޗްއާރުއައިން ވަނީ ކޮމަންވެލްތުގެ ހުރިހާ ކައުންސިލަކާއި މަޖިލީހަކުން ރާއްޖެ ސަސްޕެންޑު ކުރަން ހުށަހަޅާފަ އެވެ. އަދި ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ވިލީ މުޓުންގާ ކުރައްވަމުން ގެންދަވާ މަސައްކަތް ފިޔަވައި ކޮމަންވެލްތުން ރާއްޖެ އަށް ދެމުން ގެންދާ ހުރިހާ ފަންނީއެއް ވަގުތީ ގޮތުން ހުއްޓާލަން ވެސް ހުށަހަޅާފައިވެ އެވެ.

ސަސްޕެންޑު ކުރުމަށް ފަހު، ކޮމަންވެލްތުގައި ދެން ރާއްޖެ ބައިވެރިކުރަން ޝަރުތެއް ކަނޑައަޅަން ވެސް ސީއެޗްއާރުއައިން ސީމެގުގެ ކިބައިން އެދިފައިވެ އެވެ. އެއީ މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކުން އަރައިގަތުމަށް ބަރާބަރު ހަ މަސްދުވަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމެވެ. އެ ޕްލޭން ހަދަން ޖެހޭނީ، ސީއެޗްއާރުއައިން ބުނި ގޮތުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ކަމާ ބެހޭ ހުރިހާ ފަރާތެއްގެ ބައިވެރިވުން އޮންނަ ގޮތަށެވެ.

ސީމެގުން ކުރިން ބޭއްވި ބައްދަލުވުންތަކުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަންތައް އިސްލާހުކޮށްފައިވޭތޯ ހުކުރު ދުވަހުގެ ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.

ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑުކުރަން ހުށަހެޅިއިރު، 53 މެމްބަރު ގައުމު ހިމެނޭ ޖަމާއަތުން ރާއްޖެ ވަކިވާން ސަރުކާރުން މަޖިލީހަށް ހުށަހެޅި އެވެ. އެ މައްސަލަ އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.