ބޭރު ދުނިޔޭގެ ފާޑުކިޔުންތަކަށް ސަރުކާރުން ޖެހިލުން ނުވާ ކަމަަށް އަބަދު ވެސް ބުނެ އެވެ. ބޭރު ދުނިޔޭން ފާޑުކިޔާ ކޮންމެ ފަހަރަކުހެން ރައީސް އަބްދުﷲ ޔާމީން ވިދާޅުވަނީ އެހެން ގައުމުތަކުގެ ދާހިލީ މިނިވަންކަމަށް ރާއްޖޭން އިހުތިރާމްކުރާ ފަދައިން، އެހެން ގައުމުތަކުން ވެސް ރާއްޖޭގެ ދާހިލީ މިނިވަންކަމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. ދިވެހިންގެ ކަންކަން ދިވެހިން އަމިއްލަ އަށް ނިންމުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް އެ މަނިކުފާނު އަބަދު ވެސް ވިދާޅުވެ އެވެ.

އެކަމަކު ސަރުކާރު ބިރުގަންނަ އެއް ކަމެއް އޮވެ އެވެ. ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގު)ގެ ކޮންމެ ބައްދަލުވުމެއްގެ ކުރިން، މެމްބަރު ގައުމުތަކަށް ސަރުކާރުން މަންދޫބުން ފޮނުވަ އެވެ. މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ބައްދަލުވުންތަކުގައި ރާއްޖެއާ އެއްކޮޅަށް ކަންކަން ނިންމޭތޯ ބަލަން އަވަށްޓެރި އިންޑިއާ އާއި އެ ނޫން ވެސް ސީމެގުގައި މިހާރު ތިބޭ ގައުމުތަކަށް މަންދޫބުން ފޮނުވި އެވެ.

ސީމެގުން ރާއްޖެ އަށް އިސްލާހީ އެޖެންޑާ ދިން އިރަށް ވުރެ ވެސް މިހާރު ހާލަތު ވަނީ ގޯސްވެފަ އެވެ. އަސާސީ ގިނަ ހައްގުތަކެއް، އެއްވެސް އުސޫލެއް ނެތި ސަރުކާރުން ނިގުޅައިގަންނަމުން ދިޔަ ދިއުން ރަސްމީކޮށް، ގާނޫނުތަކުގެ ތެރެއަށް ވަނީ ފައްތާފަ އެވެ. އެންމެ އަސާސީ އެއް ހައްގު ކަމަށް ވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަން ނޫސްވެރިކަމުގެ ހަައްގު ވަނީ އަވަސް އަރުވާލައިގެން ފާސްކޮށް، އަމަލުކުރަން ފެށި ގާނޫނަކުން ނައްތާލައިފަ އެވެ.

ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމަށް ފަހު، ހަ ކަމެއް އިސްލާހުކުރަން ސީމެގުން ރާއްޖެ އަށް އެންގި އެވެ. އޭގެ ތެރޭގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުމާއި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުމާއި ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމާއި މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދޭން ވެސް ސަރުކާރަށް އެންގި އެވެ.

އެކަމަކު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަކަށަ ނުދެ އެވެ. އެކަމަށް ކަނޑައަޅާފައިވާ އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ރާއްޖޭގައި ހަފުތާއެއްހާ ދުވަސް ހޭދަކުރެއްވުމަށް ފަހު މާ ބޮޑު ކުރިއެރުމެއް ނުލިބި ވަނީ ފުރާވަޑައިގެންފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަދިވެސް އޮތީ އެ ގޮތަށެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ވެސް ދެމި އެބަ އޮތެވެ. އަދި ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމަށް 11 އަހަރުގެ ހުކުމެއް އިއްވާފައި ވާއިރު، އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ 10 މަހަށް ޖަލަށް ލައިފަ އެވެ.

ސީމެގުން ރާއްޖެ އަށް އިސްލާހީ އެޖެންޑާ ދިން އިރަށް ވުރެ ވެސް މިހާރު ހާލަތު ވަނީ ގޯސްވެފަ އެވެ. އަސާސީ ގިނަ ހައްގުތަކެއް، އެއްވެސް އުސޫލެއް ނެތި ސަރުކާރުން ނިގުޅައިގަންނަމުން ދިޔަ ދިއުން ރަސްމީކޮށް، ގާނޫނުތަކުގެ ތެރެއަށް ވަނީ ފައްތާފަ އެވެ. އެންމެ އަސާސީ އެއް ހައްގު ކަމަށް ވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަން ނޫސްވެރިކަމުގެ ހަައްގު ވަނީ އަވަސް އަރުވާލައިގެން ފާސްކޮށް، އަމަލުކުރަން ފެށި ގާނޫނަކުން ނައްތާލައިފަ އެވެ. ހައްގު ގެއްލުމުން ހައްގު ހޯދަން އޮތް އަނެއް ފުރުސަތު ކަމަށްވާ އެއްވެ އުޅުމުގެ މިނިވަންކަން ވެސް ވަނީ ހަނިކޮށްފަ އެވެ. ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށް، މައްސަލަ ބެލުން ވެސް މިހާރު ވަނީ އާއްމުވެފަ އެވެ.

ފޮރިން މިނިސްޓަރު އާސިމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާއާ މިދިޔަ އަންގާރަ ދުވަހު އިންޑިއާގައި ބައްދަލުކުރައްވަނީ: އަންނަ މަހު އޮންނަ ސީމެގުގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި.-- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ
ފޮރިން މިނިސްޓަރު އާސިމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާއާ މިދިޔަ އަންގާރަ ދުވަހު އިންޑިއާގައި ބައްދަލުކުރައްވަނީ: އަންނަ މަހު އޮންނަ ސީމެގުގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި.-- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ

މި ހުރިހާ ކަމަކަށް ބޭރު ދުނިޔޭން އޮތީ ބަލަބަލަ އެވެ. އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ހެދި ގާނޫނު ފާސްކުރުމުގެ ކުރިން ފަސް ފަރާތެއް ގުޅިގެން، އެ ކަމަށާއި ސަރުކާރުގެ އެ ނޫން ވެސް ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އެހާ ގިނަ ގައުމުތައް ގުޅިގެން ކަންބޮޑުވުންތައް އާއްމުކުރުމަކީ މަދުން ނޫނީ ނުކުރާ ކަމެކެވެ. ގާނޫނު ފާސްކޮށް، އަމަލުކުރަން ތައްޔާރުވުމާ އެކު އެ ކަންބޮޑުވުންތައް ތަކުރާރުކޮށް، އިތުރަށް ވަރުގަދަ ކުރި އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހައްގުތައް ކަށަވަރު ކޮށްދޭން ގޮވާލި އެވެ. ގާނޫނާއި ޑިމޮކްރެސީގެ މަގަށް ރުޖޫއަވެ، ފަހަތަށް އަޅާފައިވާ ފިޔަވަޅުތައް ދޫކޮށް، އިސްލާހު ވާން ބާރު ވެސް އެޅި އެވެ.

އެ ކަންކަން ހަނދާން ނުނެތެނީސް ރާއްޖޭން ސީމެގުގައި ހިމެނޭ ގައުމުތަކާ ބައްދަލުކުރަން މި ވަނީ ޖެހިފަ އެވެ. އެއާ އެކު، އިންޑިއާ ހިމެނޭ ގޮތުން ޖުމްލަ ނުވަ ގައުމެއްގެ ފޮރިން މިނިސްޓަރުން ތިއްބަވާ ސީމެގުގެ ބައްދަލުވުމުގެ ކުރިން ސަރުކާރުން އަނެއްކާވެސް މި ވަނީ ބޭރުގައި ލޮބީކުރަން ފަށާފަ އެވެ. އާ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި އިންޑިއާ އަށް ވަޑައިގެން ސީމެގުގެ ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ އެކު މަޝްވަރާކުރެއްވި އެވެ. އޭޕްރީލް މަހު އޮތް ސީމެގުގެ ބައްދަލުވުމުގައި އިންޑިއާ އިން ރާއްޖެ "ސަލާމަތްކޮށްދިން" ފަދައިން މި ފަހަރު ވެސް ކަންތައް ކޮށްދޭން އެދުނެވެ. ރައީސް ޔާމީންގެ "ޝުކުރު" އަނެއްކާވެސް ހާއްސަ ދަތުރުފުޅަކުން ފެނުން ގާތެވެ.

ރައީސް ޔާމީން މިދިޔަ އޭޕްރީލް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ: އެއީ ސީމެގުގައި އިންޑިއާ އިން ރާއްޖެއާ އެއްކޮޅަށް ވަކާލާތުކުރުމުން އެ ކަމަށް ޝުކުރު އަދާކުރެއްވުމަށްް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޭރު ވިދާޅުވި -- ފައިލް ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން މިދިޔަ އޭޕްރީލް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ: އެއީ ސީމެގުގައި އިންޑިއާ އިން ރާއްޖެއާ އެއްކޮޅަށް ވަކާލާތުކުރުމުން އެ ކަމަށް ޝުކުރު އަދާކުރެއްވުމަށްް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޭރު ވިދާޅުވި -- ފައިލް ފޮޓޯ: ރައީސް އޮފީސް

އަންނަ މަހު އޮންނަ އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބާއްވާ ސީމެގުގެ ބައްދަލުވުމުގައި، އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ހާސިލުކުރަން ރާއްޖޭން މިހާތަނަށް ކޮށްފައިވާ ކަންކަން ބަލާނެ އެވެ. އެކަށީގެންވާ އިސްލާހީ މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަ ރާއްޖެއާ ދެކޮޅަށް ކޮންމެވެސް ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އެބަ އޮތެވެ. އެ އިންޒާރު ކުރިން ވަނީ ދީފަ އެވެ. ރަނގަޅުކުރަން ބުނި އެއްވެސް ކަމެއް، މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި، ނުކުރާ ތާނގައި ހާލަތު ވީ ހައްތަހާ ގޯހެވެ.

އިންޑިއާގެ އެދުމަށް ސީމެގުން މި ފަހަރު ފިޔަވަޅު ނޭޅިޔަސް އެމެރިކާ އާއި އިނގިރޭސިވިލާތުން ރާއްޖެ އަށް ވަކިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބަ އޮތެވެ. "ސިޔާސީ ކުށްވެރިން" ދޫކޮށްލަން ގޮވާލައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވާއިރު، ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ދައުލަތުގެ ބައެއް އިސް ވެރިންގެ ލިސްޓެއް އިދިކޮޅު ފަރާތްތަކުން އެމެރިކާ ސަރުކާރާ ވަނީ ހިއްސާކޮށްފަ އެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގެ ހާލަތު ގޯސްވަމުން ދާ ކަމަށް ބުނާ ބުނުން އިނގިރޭސި ސަރުކާރުން ވަނީ މި ފަހުން އިތުރުކޮށްފަ އެވެ. އެއާ އެކު، ދިވެހި ސަރުކާރާއި ރާއްޖޭގެ ޝަރުއީ ދާއިރާގެ ބައެއް އިސް ފަރާތްތަކަށް އިނގިރޭސިވިލާތަށް ދަތުރު ނުކުރެވޭ ގޮތް ހަދަން ވިސްނަމުން އަންނަ ކަމަށް އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ.

ވަކިވަކިން ދައުލަތުގެ ވެރިންނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ފޯރާނީ ހަމަ އެ ފަރާތްތަކަށެވެ. ބިރަކާ ނުލާ ގާނޫނުތައް ހަދައި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަމުން ދާއިރު އެކަމުގެ ހިތި ފެނުން ކައިރި އެވެ. ކަނޑައެޅިގެން ހަދާ ނުބައިތަކުގައި ބައިވެރިވާ އިރު ބައިނަލްއަގުވާމީ ބާރުތަކުން ބަލަން އޮންނަކަން އެނގެން ޖެހޭނެ އެވެ. އެހެންކަމުން ސީމެގުގެ ބިރާއި ބައެއް އެހެން ގައުމުތަކުން އަޅާފާނެ ފިޔަވަޅެއްގެ ބިރު ވެސް އެބަ އޮތެވެ.

ދިވެހިން އެދެނީ ގޯސްކޮށް ހިނގާ ކަންކަން ރަނގަޅުކުރާށެވެ. ހައްގުތައް ކަށަވަރުކޮށްދޭށެވެ. އެކަން ނުކުރާ ނަމަ ދެން ދިމާވެދާނެ ގޮންޖެހުންތައް، މިއަދުގެ ދުނިޔޭގައި، ކުޑައެއް ނޫނެވެ.