މިއަހަރުގެ އޮގަސްޓް 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯ ގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސް އަށް ދާ ރާއްޖޭގެ ސްކޮޑް އިއުލާން ކޮށްފި އެވެ.
ސާދަ އަހަރާއި 18 އަހަރާ ދެމެދުގެ އެތުލީޓުންނަށް އޮންނަ މި މުބާރާތަށް ދާ ރާއްޖޭގެ އެތުލީޓުންނަކީ އިބްރާހިމް ނާހިލް ނިޒާރު، އަހްނާ ނިޒާރު އަދި ޒުއިޒް މުހައްމަދު ސައުދު އެވެ.
އަހްނާ އާއި ޒުއިޒް ވެސް ވަނީ އުޒްބަކިސްތާނުގެ ޓަޝްކެންޓް ގައި މިއަހަރު އޮތް ފަސް ވަނަ ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައި ވެސް ވާދަ ކޮށްފަ އެވެ.
ނާހިލް ވަނީ މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް ގައުމީ ލޯންގް ޖަމްޕުގެ ރެކޯޑް ހަދައިފަ އެވެ. އޭގެ ފަހުން ރާއްޖޭގައި އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޭނާ ވަނީ އެ ރެކޯޑް އަލުން މުގުރާލައިފަ އެވެ.
މިއީ މެދުކެނޑުމަކަށް ފަހު ރާއްޖެއިން ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އައި ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ މުހިއްމު ފުރުސަތެކެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހި ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ އެކު އެ ފުރުސަތުތައް ގެއްލުނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އެކަމަކު މި ސަރުކާރާ އެކު 2020 ވަނަ އަހަރު އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ރާއްޖެ ވެފައިވާ އިރު ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) މެމްބަރުކަން ރާއްޖޭން ވަނީ ހޯދައިފަ އެވެ. އެގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވަނީ ވާދަ ކޮށްފަ އެވެ.