ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދުވުންތެރިންގެ ޓީމުގެ އިވެންޓްތައް ފެށިގެން ކުރިއަށް ދާއިރު، 8 ދުވުންތެރިން ވެސް ވަނީ އެއް އިވެންޓް ފުރިހަމަ ކޮށްފަ އެވެ.

އެތުލެޓިކްސްގެ ފުރަތަމަ ދުވަހު، މިދިޔަ ހޯމަ ދުވަހު ހަސަން ސާއިދުގެ އިތުރުން އައިޝަތު ޝަބާ ސަލީމް އާއި ޒިވާ މޫސާ ޝަފީއު އަދި އަހްނާ ނިޒާރު ވަނީ 100 މީޓަރު އިވެންޓްގައި ވާދަ ކޮށްފަ އެވެ. އަދި ފަސޫހާ އަހުމަދު ވަނީ 800 މީޓަރު އިވެންޓްގައި ދުވެފަ އެވެ. މި ފަސް އިވެންޓްގެ ތެރެއިން ވާދަ ކުރި ހަތަރު އަންހެން އެތުލީޓުން ވަނީ ސީޒަން ބެސްޓް އަދި ޕާސަނަލް ބެސްޓް ޓައިމިންތަކެއް ހޯދައިފަ އެވެ.

ޒިވާ އާއި އަހްނާ ވަނީ އަންހެނުންގެ 100 މީޓަރު ދުވުމުގައި ދެ އެތުލީޓުންގެ ވެސް ޕާސަނަލް ބެސްޓް ޓައިމިންއެއް ގާއިމް ކޮށްފަ އެވެ. އެގޮތުން ޒިވާ ވަނީ ހަތަރު ވަނަ ހީޓުގައި ވާދަ ކޮށް 12.09 ސިކުންތުން ފަސް ވަނައިގައި ރޭސް ނިންމައިފަ އެވެ. އަދި އަހްނާ ވަނީ ހަތް ވަނަ ހީޓުގައި ވާދަކޮށް 12.19 ސިކުންތުން ފަސް ވަނައިގައި ރޭސް ނިންމައިފަ އެވެ. މިއީ ދެ ދުވުންތެރިންގެ ވެސް ކެރިއަރުގައި މިހާތަނަށް މި އިވެންޓުން ހޯދި އެންމެ ރަނގަޅު ޓައިމިންއެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގައި ދެން ވާދަ ކުރި އައިޝަތު ޝަބާ ސަލީމް ރޭސް ފުރިހަމަ ކުރީ 12.59 ސިކުންތުންނެވެ. ފުރަތަމަ ހީޓުން އޭނާ އަށް ލިބުނީ ފަސް ވަނަ އެވެ. މިއީ އޭނާ މި އަހަރު މި އިވެންޓުން ހޯދި އެންމެ ރަނގަޅު ޓައިމިން އެވެ.

މި އިވެންޓްގެ ގައުމީ ރެކޯޑް އޮންނަނީ މަރިޔަމް ރުއުޔާ އަލީ އަތުގަ އެވެ. އޭނާ ރެކޯޑް ހަދާފައި ވަނީ 2024 ވަނަ އަހަރު ޖަމައިކާގެ އޯލް ކޮމާސް ސީރީޒް 2 ގައި 11.87 ސިކުންތުން ދުވެގެންނެވެ.

ސީޒަން ބެސްޓް އަދި ޕާސަނަލް ބެސްޓް ހެދި އެތުލީޓުން؛ (ކ-ވ) ފަސޫހާ، ޒިވާ، އަހްނާ، ޝަބާ.-- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން
ސީޒަން ބެސްޓް އަދި ޕާސަނަލް ބެސްޓް ހެދި އެތުލީޓުން؛ (ކ-ވ) ފަސޫހާ، ޒިވާ، އަހްނާ، ޝަބާ.-- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ވާދަ ކުރި ސާއިދު ނުވަ ވަނަ ހީޓުގައި ވާދަ ކޮށް ނިންމީ ފަސް ވަނައިގަ އެވެ. އޭނާގެ ޓައިމިންއަކީ 10.77 ސިކުންތެވެ. މިއީ މި އަހަރުގެ އޭނާގެ އެންމެ ރަނގަޅު ޓައިމިން އަށް ވުރެ 0.03 ސިކުންތު ލަސް ޓައިމިންއެކެވެ. ސާއިދަކީ 2016 ވަނަ އަހަރު ޖަމައިކާގައި ިއޮތް އެމްވީޕީ ޓްރެކް އެންޑް ފީލްޑް މީޓިންގައި 10.33 ސިކުންތުން ދުވެގެން މި އިވެންޓްގެ ގައުމީ ރެކޯޑް ހަދާފައިވާ އެތުލީޓެވެ.

އަންހެނުންގެ 800 މީޓަރު ގައުމީ ރެކޯޑް އޮންނަ ފަސޫހާ، ކޮމަންވެލްތު ގޭމްސްގައި މި އިވެންޓް ފުރިހަމަ ކޮށްފައި ވަނީ 2:19.86 އިންނެވެ. މިއީ އޭނާ މި އަހަރު މި އިވެންޓުން ހޯދި އެންމެ ރަނގަޅު ޓައިމިންއެވެ. ފަސޫހާ މި އިވެންޓްގެ ގައުމީ ރެކޯޑް ހަދާފައި ވަނީ 2024 ގައި ސްރީލަންކާގައި އޮތް 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްސްގައި 2:13.81 އިން ދުވެގެންނެވެ.

އިއްޔެ ވަނީ އަންހެނުންގެ އަދި ފިރިހެނުންގެ 400 މީޓަރު ދުވުމުގެ އިވެންޓްތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އަންހެނުންގެ އިވެންޓްގައި ވާދަކޮށް އާމިނަތު ލަޔާނާ މުހައްމަދު ވަނީ 1:01.05 އިން ރޭސް ފުރިހަމަ ކޮށްފަ އެވެ. ހީޓުގެ ހަތް ވަނައިގައި އޭނާ ނިންމި އިރު، އޭނާގެ ކެރިއަރުގައި މި އިވެންޓުން އެންމެ ރަނގަޅު ޓައިމިން ހޯދާފައި ވަނީ 2023 ވަނަ އަހަރު ސްރީލަންކާގައި އޮތް މުބާރާތެއްގައި 60.04 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ފިރިހެނުންގެ 400 މީޓަރު އިވެންޓްގައި ވާދަ ކުރީ ހުސެއިން ޒީކް ސުއާދު އާއި އާދަމް ރިއްފަތެވެ. ޒީކް ވަނީ ދެ ވަނަ ހީޓުގައި ވާދަކޮށް 49.96 ސިކުންތުން ރޭސް ފުރިހަމަ ކޮށްފަ އެވެ. މި ޓައިމިންއާ އެކު އޭނާ އަށް ލިބުނީ ހީޓްގެ ހަތް ވަނަ އެވެ. މިއީ އޭނާ މި އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކޮށް 49.09 ސިކުންތުން ހެދި ޕާސަނަލް ބެސްޓް ޓައިމިން އަށް ވުރެ 0.87 ސިކުންތު ލަސް ޓައިމިންއެކެވެ.

ތިން ވަނަ ހީޓުގައި ވާދަކޮށް ރިއްފަތު ރޭސް ފުރިހަމަ ކުރީ 50.94 ސިކުންތުންނެވެ. މި ޓައިމިންއާ އެކު އޭނާ އަށް ލިބުނީ ހީޓްގެ ހަތް ވަނަ އެވެެ. އޭނާގެ ޕާސަނަލް ބެސްޓް ޓައިމިން ހޯދާފައި ވަނީ މި އަހަރުގެ އެސޯސިއޭޝަން ޕެމްޕިއަންޝިޕްގައި 49.07 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އަންހެނުންގެ 400 މީޓަރު އިވެންޓްގެ ގައުމީ ރެކޯޑް އޮންނަނީ 2022 ގެ ގައުމީ ޓައިމް ޓްރަޔަލްގައި 57.56 އިން ދުވި އައިޝަތު ހަސަން އަތުގަ އެވެ. އަދި ފިރިހެނުންގެ ގައުމީ ރެކޯޑް އޮންނަނީ 2013 ގައި ޖަމައިކާގައި އޮތް އޯލް ކޮމާސް މީޓް 4 ގައި 47.48 ސިކުންތުން ދުވި ސާއިދު އަތުގަ އެވެ.

ކޮމަންވެލްތު ގޭމްސްގައި މިއަދު ރާއްޖޭގެ ދުވުންތެރިން ވާދަ ކުރުމަށް ހަމަޖެހިފައި ވަނީ 200 މީޓަރު އިވެންޓްތަކުގަ އެވެ. އެގޮތުން ފިރިހެން އިވެންޓުގައި ވާދަ ކުރާނި ސާއިދާއި ރިއްފަތު އަދި ޒީކް އެވެ. އަންހެނުންގެ އިވެންޓްގައި ޒިވާ އާއި އަހްނާ އަދި ލަޔާނާ ވާދަ ކުރާނެ އެވެ.