ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ގައި ވާދަ ކުރި ރާއްޖޭގެ ފެތުންތެރިން ޖުމްލަ 12 ގައުމީ ރެކޯޑް އާކޮށްފި އެވެ.

އިއްޔެ ކުރިއަށް ދިޔަ ހަތް އިވެންޓްތަކުގެ ތެރެއިން ހަތަރު އިވެންޓަކުން ރާއްޖޭގެ ފެތުންތެރިން ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ. މިއާ އެކު ރާއްޖޭގެ ފެތުންތެރިންނަށް ގޭމްސްގެ އިވެންޓްތައް މި ވަނީ ނިމިފަ އެވެ.

ގޭމްސްގައި ރާއްޖޭގެ ފަސް ފެތުންތެރިން ވާދަކުރި އެވެ. ހުރިހާ ފެތުންތެރިން ވެސް ގައުމީ ރެކޯޑް އާ ކުރި އެވެ. އަމްނާ ތަޒްކިޔާ މިތުސޯދު، ތަރު ރެކޯޑެއް އާކުރި އެވެ. ލޫތު މުހައްމަދު ހުސެއިން އަދި މުހައްމަދު ރިހާން ޝިހާމް، ކޮންމެ ފެތުންތެރިއަކު ދެ ރެކޯޑް އާކުރި އެވެ. މުހައްމަދު އާން ހުސެއިން އާއި މެރާލް އައިން ލަތީފް ވެސް ވަނީ ގައުމީ ރެކޯޑެއް އާކޮށްފަ އެވެ. މީގެ އިތުރުން މިކްސްޑް ރިލޭގެ ދެ އިވެންޓަކުން ވެސް ވަނީ ރެކޯޑް އާކޮށްފަ އެވެ.

ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑެއް އާކޮށްފަ.-- ފޮޓޯ: މޯލްޑިވްސް އެކުއޭޓިކްސް
ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑެއް އާކޮށްފަ.-- ފޮޓޯ: މޯލްޑިވްސް އެކުއޭޓިކްސް

އިއްޔެ އޮތް އިވެންތްތަކުގައި، މުހައްމަދު ރިހާން ޝިހާމް ވަނީ، ކުރިން ބަހްރޭނުގައި ކުރިއަށް ގެންދިޔަ ބަހްރޭން އެކުއޭޓިކްސް ކަޕްގައި ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި 5:11.03 އިން ފަތައިގެން ހެދި ރެކޯޑް އާކޮށްފަ އެވެ. އޭނާ އިއްޔެގެ އިވެންޓްގައި ރޭސް ފުރިހަމަ ކުރީ 1.35 ސިކުންތުގެ ކުރި އެރުމަކާ އެކު 5:09.68 އިންނެވެ.

ރިހާން އިއްޔެ ވާދަކުރި ލޯންގްކޯސް ފިރިހެނުންގެ 100 މީޓަރު ބެކް ސްޓްރޯކް އިވެންޓް ފުރިހަމަ ކުރީ 1:05.75 އިންނެވެ. މިއީ މިހާރު މި ރެކޯޑް އޮންނަ އިމްއާން އަލީގެ ގައުމީ ރެކޯޑް ޓައިމިންއަށް ވުރެ 1.24 ސިކުންތު ލަސް ޓައިމިންއެކެވެ.

ލޯންގްކޯސް 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުން ގައުމީ ރެކޯޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިން.-- ފޮޓޯ: މޯލްޑިވްސް އެކުއޭޓިކްސް
ލޯންގްކޯސް 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުން ގައުމީ ރެކޯޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިން.-- ފޮޓޯ: މޯލްޑިވްސް އެކުއޭޓިކްސް

ލޯންގްކޯސް 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓްގައި ރާއްޖޭގެ ޓީމުގައި ހިމެނުނީ ރިހާން އާއި ލޫތު މުހައްމަދު ހުސެއިން އަދި ތަޒްކިޔާ އާއި މެރާލް އެވެ. މި ޓީމުން ވަނީ 04:31.16 އިން ފަތައިގެން މި އިވެންޓްގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. މި ރެކޯޑް ކުރިން އޮތީ ސިންގަޕޫރުގައި ކުރިޔަށްދިޔަ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި 04:40.23 އިން ރޭސް ނިންމި ޓީމު އަތުގަ އެވެ. އެ ޓީމުގައި ފެތީ ތަޒްކިޔާ އާއި މެރާލް އަދި ރިހާން އާއި މުހައްމަދު އާން ހުސައިން އެވެ.

ތަޒްކިޔާ ވަނީ އިއްޔެ ދެ ރެކޯޑެއް އާކޮށްފަ އެވެ. އެގޮތުން ރެކޯޑް އާކުރި ރިލޭ އިވެންޓްގައި ތަޒްކިޔާ ވަނީ 01:11.26 އިން ބެކް ސްޓްރޯކް ފެތުމުން ފުރަތަމަ 100 މީޓަރު ފުރިހަމަ ކޮށްގެން ރެކޯޑް އާކޮށްފަ އެވެ. މި ރެކޯޑް ކުރިން ވެސް އޮތީ އޭނާގެ އަތުގަ އެވެ. އެއީ މިދިޔަ އަހަރު ސިންގަޕޫރުގައި ކުރިޔަށްދިޔަ 22 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސް ގައި 01:13.49 އިން ފަތައިގެންނެވެ.

ތަޒްކިޔާ ވަނީ އިއްޔެ ދެ ގައުމީ ރެކޯޑެއް އާކޮށްފަ.-- ފޮޓޯ: މޯލްޑިވްސް އެކުއޭޓިކްސް
ތަޒްކިޔާ ވަނީ އިއްޔެ ދެ ގައުމީ ރެކޯޑެއް އާކޮށްފަ.-- ފޮޓޯ: މޯލްޑިވްސް އެކުއޭޓިކްސް

މީގެ އިތުރުން ތަޒްކިޔާ ވަނީ އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ރެކޯޑް އާކޮށްފަ އެވެ. އޭނާ ރެކޯޑް އާކުރީ 27.99 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އޭނާ އެންމެ ފަހުން މި ރެކޯޑް ހަދާފައި ވަނީ މި އަހަރު އޮތް އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއޭޓިކް ޗެމްޕިއަންޝިޕްގައި 28.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އިއްޔެ ކުރިއަށް ދިޔަ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓްގައި ވާދަކޮށް ލޫތު ރޭސް ފުރިހަމަ ކުރީ 2:42.93 އިންނެވެ. މިއީ މިދިޔަ އަހަރު އޭނާ މި އިވެންޓުން ގައުމީ ރެކޯޑް އާ ކުރި ޓައިމިން އަށް ވުރެ 1.91 ސިކުންތު ލަސް ޓައިމިންއެކެވެ.

މެރާލް އާއި އާން ވެސް ވަނީ އިއްޔެ އިންޑިވިޖުއަލް އިވެންޓެއްގައި ވާދަ ކޮށްފަ އެވެ.

އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގައި ވާދަކޮށް މެރާލް ރޭސް ފުރިހަމަ ކުރީ 2:43.93 އިންނެވެ. މިއީ ތަޒްކިޔާ އަތުގައި އޮންނަ މި އިވެންޓްގެ ގައުމީ ރެކޯޑް ޓައިމިން އަށް ވުރެ 4.07 ސިކުންތު ލަސް ޓައިމިންއެކެވެ.

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓްގައި ވާދަކޮށް އާން ރޭސް ފުރިހަމަ ކުރީ 26.91 ސިކުންތުންނެވެ. އޭނާ ވަނީ މި ޓައިމިންއާ އެކު ހީޓް 3 ގެ އެއްވަނަ ހޯދައިފަ އެވެ. ނަމަވެސް މި ޓައިމިންއާ އެކު އޭނާ އަށް އިވެންޓްގެ ސެމީ ފައިނަލަކަށް ނުދެވުނެވެ. އަދި މިއީ އޭނާ އަތުގައި އޮންނަ މި އިވެންތްގެ ގައުމީ ރެކޯޑް ޓައިމިންއަށް ވުރެ 0.14 ސިކުންތު ލަސް ޓައިމިންއެކެވެ.