ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި މިއަދު އޮތް އަންހެނުންގެ 200 މީޓަރު އިވެންޓުގައި ވާދަ ކޮށް ޒިވާ މޫސާ ޝަފީއު ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
ޒިވާ ވަނީ މިއަދު އޮތް އިވެންޓްގެ އެއްވަނަ ހީޓުގައި ވާދަކޮށް 24.67 ސިކުންތުން ރޭސް ފުރިހަމަ ކޮށްފަ އެވެ. މި ނަތިޖާއާ އެކު އޭނާ ނިންމާލީ ހީޓްގެ ފަސްވަނައިގަ އެވެ.
މި އިވެންޓްގެ ގައުމީ ރެކޯޑް މީގެ ކުރިން އޮތީ 2022 ގައި ގައުމީ މުބާރާތުގައި 24.90 ސިކުންތުން ދުވި އައިޝަތު ހިމްނާ ހަސަން އަތުގަ އެވެ. އޭނާ މުގުރާލީ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އޮތް ހޫނު މޫސުމުގެ އޮލިމްޕިކް ގޭމްސްގައި 24.96 ސިކުންތުން ރޭސް ފުރިހަމަ ކުރި އަފާ އިސްމާއިލްގެ ރެކޯޑެވެ.
އަންހެނުންގެ 200 މީޓަރު ދުވުމުގައި އަހްނާ ނިޒާރާއި އާމިނަތު ލަޔާނާ މުހައްމަދު ވެސް ވާދަ ކުރި އެވެ. އެ ދެ ދުވުންތެރިން ވެސް ވަނީ މި އިވެންޓުން ޕާސަނަލް ބެސްޓް ޓައިމިން އާކޮށްފަ އެވެ.
އެގޮތުން ހަތަރުވަނަ ހީޓުގައި ވާދަކޮށް 24.75 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެން އަހްނާ ނިންމާލީ ހީޓްގެ ހަވަނައިގަ އެވެ. އަދި ލަޔާނާ ދިޔައީ ފަސްވަނަ ހީޓްގެ ހަވަނައަށެވެ. ލަޔާނާގެ ޓައިމިންއަކީ 25.85 ސިކުންތެވެ.
ރާއްޖޭގެ ފިރިހެން ދުވުންތެރިން ކަމަށްވާ ހަސަން ސާއިދާއި އާދަމް ރިއްފަތު އަދި ހުސެއިން ޒީކް ސުއާދު ވެސް ވަނީ މިއަދު ކުރިއަށް ދިޔަ ފިރިހެނުންގެ 200 މީޓަރު ހީޓްތަކުގައި ދުވެފަ އެވެ.
އެއްވަނަ ހީޓްގައި ވާދަކޮށް ސާއިދު ނިންމާލީ 22.10 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެން ހަތަރު ވަނައިގަ އެވެ. ހަތްވަނަ ހީޓްގައި ވާދަ ކޮށް ރިއްފަތު ހަތްވަނައިގައި ނިންމީ 22.13 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. އަދި ނުވަވަނަ ހީޓުގައި ދުވި ޒީކް 22.29 ސިކުންތުގެ ޓައިމިންއަކާ އެކު ނިންމީ ހީޓްގެ ހަވަނައިގަ އެވެ.
ފިރިހެން ތިން އެތުލީޓުންގެ ޓައިމިން އަކީ ވެސް އެ އެތުލީޓުންގެ ޕާސަނަލް ބެސްޓް ޓައިމިންތަކަށް ވުރެ ލަސް ޓައިމިންއެކެވެ.
މި އިވެންޓްގެ ފިރިހެން ގައުމީ ރެކޯޑް އޮންނަނީ ސާއިދު އަތުގަ އެވެ. އެއީ 2016 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި އިންޑިއަން ގްރޯން ޕްރީގައި 20.75 ސިކުންތުން ދުވެގެންނެވެ. އޭނާގެ މި އަހަރުގެ އެންމެ ރަނގަޅު ޓައިމިންއަކީ 21.48 ސިކުންތެވެ. އެއީ މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މި އިވެންޓްގެ ފައިނަލްގައި ދުވެގެންނެވެ.
ރިއްފަތާއި ޒީކް ވެސް ވަނީ މި އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްސްގެ މި އިވެންޓްގެ ފައިނަލްގައި ޕާސަނަލް ބެސްޓް އާކޮށްފަ އެވެ. ރިއްފަތުގެ ޕާސަނަލް ބެސްޓް ޓައިމިން އަކީ 21.86 ސިކުންތެވެ. އަދި ޒީކްގެ ޕާސަނަލް ބެސްޓް ޓައިމިން އަކީ 22.25 ސިކުންތެެވެ.