ކޮންމެ މީހަކަށް ސިމް ގަނެވޭ އަދަދު ލިމިޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމައި އަމަލު ކުރަން ފަށާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ރާއްޖޭގައި ހިންގާ ފައިސާގެ ސްކޭމްތައް މަދުކުރުމުގެ ގޮތުން، ކޮންމެ މީހަކަށް ގަނެވޭ ސިމްގެ އަދަދު ލިމިޓް ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދު 15 ދުވަސް ތެރޭ ނިންމަން މިދިޔަ އޭޕްރިލް މަހު ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ވަނީ އަންގައިފަ އެވެ.

އެކަމާ ބެހޭ ގޮތުން ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު "މިހާރު" އަށް ވިދާޅުވީ އެ ގަވައިދު އެކުލަވާލާފައިވާ ކަމަށާއި މިހާރު އޮތީ ފަހުގެ އެޕްރޫވަލްއާ ހިސާބުގައި ކަމަށެވެ.

މިއަދާ ހަމައަށް އެ މަސައްކަތް ދިގުލައިގެން ގޮސްފައި ވަނީ ގިނަ ސްޓޭކް ހޯލްޑަރުންނާ އެކު ދިގު މަޝްވަރާތަކެއް ކުރަން ޖެހުމުން ކަމަށާއި ނަމަވެސް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި މަސައްކަތް ނިންމައި ތަންފީޒު ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ސިމް ވިއްކުން ލިމިޓް ކުރުމުގެ ބަދަލު ގެނެވޭނެ،" އިލްޔާސް ވިދާޅުވި އެވެ.

ސިމް ކާޑުތަކެއް: އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން ވަނީ މަނާކޮށްފައި.
ސިމް ކާޑުތަކެއް: އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން ވަނީ މަނާކޮށްފައި.

ކޮންމެ މީހަކަށް ގަނެވޭނެ ސިމްގެ އަދަދާ މެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް ފަހުން ބަދަލުވެދާނެތީ އަދި އެ އަދަދު ހާމަ ކުރަން ބޭނުން ނުވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ސިމް ލިމިޓް ކުރަން ފަށާއިރު މިހާރު ވެސް އެންމެ މީހެއްގެ ނަމުގައި އެތައް ސިމްތަކެއް ނަގާފައި ހުރެ އެވެ.

އިލްޔާސް ވިދާޅުވީ މިހާރު ގިނަ އަދަދެއްގެ ސިމް ނަގާފައިވާ ފަރާތްތަކަށް ކަނޑައަޅާ ލިމިޓަށް މަދު ކުރުމަށް ފުރުސަތެއް ދޭނެ ކަމަށާއި އެއަށް ފަހު މުއްދަތު ހަމަވުމުން ނަމްބަރުތައް ބްލޮކް ކުރާނެ ކަމަށެވެ.

"ވީވަރަކުން އެކި ފަރާތްތަކަށް ތަކުލީފް ކުޑަކޮށް މިކަން ކުރެވޭތޯ މި ބަލަނީ. މަގްސަދަކީ މީހުންނަށް އުނދަގޫ ކުރުމެއް ނޫން މިހާރު މި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭޭގައި މި ފަހަކަށް އައިސް ހިނގާފައިވާ ބޮޑެތި ސްކޭމްތަކުގައި ނުދަންނަ މީހެއްގެ ނަމްބަރުން މީހުންނަށް ގުޅައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަނީ އަތުލައިފަ އެވެ.

ނަމަވެސް އެ ސިމް އަލުން ޓްރޭސް ކުރާއިރު އޮންނަނީ ބިދޭސީއެއްގެ ނަން މަތީ ނުވަތަ ރަޖިސްޓާ ނުކޮށް އޮތް ސިމް އެކެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކޭމް އިން ވަނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ވިއްކުން މި އަހަރު ތެރޭ ހުއްޓާލައިފަ އެވެ.