އޮސްޓްރޭލިއާގައި ބޭއްވި ކޮންސެޓެއްގައި، ހެރީ ސްޓައިލްސް އޭނާ އަރައިގެން ހުރި ބޫޓު ބޭލުމަށް ފަހު އޭގެތެރެއަށް އެއްޗެއް އަޅައިގެން ބުއިމުން ގިނަބަޔަކަށް ހައިރާންކަން ލިބިއްޖެ އެވެ.
އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ހެރީގެ "ލަވް އޮން ޓުއާ" ގެ ފުރަތަމަ ކޮންސެޓުގައި ކުރި މި ކަމަކީ އެ ގައުމުގެ ދުވަސްވީ މިއުޒިކްގެ ސަގާފަތެކެވެ. އާންމުކޮށް އޮސްޓްރޭލިއާ މީހުން އެއަށް ކިޔާ އުޅެނީ "ދަ ހަމްބަލް ޝޫއީ" އެވެ.
މިދިޔަ ހޯމަ ދުވަހު އޮސްޓްރޭލިއާގެ ޕާތުގެ އެޗްބީއެފް ޕާކުގައި ގާތްގަނޑަކަށް 20،000 މީހުންގެ ބޮޑު ކްރައުޑެއް ބައިވެރިވި، އެ ކޮންސެޓުގައި ހެރީގެ އަލްބަމް، "ހެރީސް ހައުސް" ގެ ދެ ލަވައެއް ފިޔަވައި ހުރިހާ ލަވައެއް ޕަފޯމް ކުރި އެވެ.
ދެހާސްވިހި ވަނަ އަހަރުގެ ކޮންސެޓެއްގައި ހެރީ ގާތު ފޭނުން "ޝޫއީ" ޖައްސަން އެދުމުން، އޭނާ ވަނީ ދުވަހަކު ވެސް ބޫޓަށް އެއްޗެއް އަޅައިގެން ނުބޯނެ ކަމަށް ބުނެފަ އެވެ.
އެކަމަކު ހޯމަ ދުވަހުގެ ރޭގެ ކޮންސެޓު ނިމެން އުޅެނިކޮށް، އޯޑިއެންސުން މީހަކު "ޝޫއީ" އެއް ޖެއްސުމުން، ހެރީ ގާތު ވެސް އެކަން ކުރުމަށް އޯޑިއަންސްގެ މީހުން އެދެމުން ދިޔަ އެވެ.
"މިއީ މިހާތަނަށް އަހަންނަށް ފެނުނު އެންމެ ހަޑިމުޑުދާރު ސަގާފަތް،" ބޫޓު ބާލައި އޭނާގެ ގެންގުޅުނު ފުޅިއާ ދިމާލަށް ހިނގަމުން ހެރީ ބުންޏެވެ.
ބޫޓުން ބުއިމަށް ފަހު ހެރީ ބުނީ އޭނާ އަށް އިހުސާސްވަނީ އެހެން މީހެއްގެ ގޮތުގައި ކަމަށެވެ.
"އަހަރެން މިހިރީ ވަރަށް ލަދުގަނެފައި. މިއީ ވަރަށް ޕާސަނަލް ކަމެއް. އެހާ ގިނަބަޔަކާ ހިއްސާކުރަން ވަރަށް އިންޓިމެޓް ކަމެއް. އަހަރެންގެ ތެރަޕިސްޓާ ދިގު ވާހަކަތަކެއް ދެކެވޭނެ މިވާގޮތުން،" ބޫޓުން ބުއިމަށް ފަހު ހެރީ ބުންޏެވެ.
ހެރީގެ ބޫޓުން އެއްޗެއް ބޯ މަންޒަރު ފެންނަ ވީޑިއޯ ސޯޝާލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ. އަދި އެމަންޒަރު ބަލަންތިބި ގިނަ ފޭނުންގެ އިތުރުން އެކިކަންކޮޅުތަކުގައި އުޅޭ ގިނަ ބަޔަކު ތިބީ ހެރީ އެފަދަ ކަމެއް ކުރުމުން ހައިރާންވެފަ އެވެ.
ހާއްސަކޮށް އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހުން، އެ ގައުމުގެ ސަގާފީ "ޝޫއީ" ޖެއްސުމުން ތިބީ ބޮޑު ހައިރާންކަމަކާއި އުފަލެއްގެ ތެރޭގަ އެވެ.
އޭގެ އިތުރުން، ހެރީގެ "ޝޫއީ" އާ އެކު އެ ސަގާފަތުގެ ވާހަކަ އެނގުނު މީހުން އަންނަނީ އެކަމަކީ ވަރަށް މުޑުދާރު އަމަލެއް ކަމަށް ބުނެ އެ ވާހަކަ ދައްކަމުންނެވެ.