ރޮކް މިއުޒިކް ބޭންޑް "ކޯލްޑްޕްލޭ"ގެ ހަތަރު މެމްބަރުން.
23 ސެޕްޓެމްބަރ 2024 - 05:50
އަންނަ ޖެނުއަރީ މަހު އިންޑިއާގެ މުމްބާއީގައި ބާއްވަން ތާވަލުކުރި އިނގިރޭސިވިލާތުގެ މަޝްހޫރު ރޮކް މިއުޒިކް ބޭންޑް "ކޯލްޑްޕްލޭ"ގެ ދެ ޝޯއަށް ޑިމާންޑް ބޮޑުވުމުން އިތުރު ޝޯއެއް ބާއްވަން އެ ބޭންޑުން އިއްޔެ ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެ ޝޯގެ ޓިކެޓް ބުކްކުރަން އިއްޔެ ހުޅުވާލުމާ އެކު "ބުކް މައި ޝޯ"ގެ ސާވާ އާއި ސައިޓު ވެސް ޑައުންވި އެވެ. އަދި ޓިކެޓް ބުކްކުރަން ވަރަށް ގިނައިރު ގިނަ ބަޔަކު ކިއުގައި މަޑުކޮށްގެން ތިބެން ޖެހުނެވެ.
އެ ޝޯތަކަށް އޮތް ޑިމާންޑް ބޮޑުވުމުން ކޯލްޑްޕްލޭއިން ވަނީ އަންނަ ޖެނުއަރީ މަހުގެ 21 ގައި މުމްބާއީގައި އިތުރު ޝޯއެއް ބާއްވަން ތާވަލުކޮށްފަ އެވެ. އަދި އެ ޝޯއަށް ވެސް ޓިކެޓް ވިއްކަން އިއްޔެ މެންދުރު ފަހު ހުޅުވާލުމާ އެކު ވަނީ ބުކިން ފުލްވެފަ އެވެ.
ކޯލްޑްޕްލޭއިން ވަނީ މީގެ 8 އަހަރު ކުރިން މުމްބާއީގައި ބޭއްވި ފެސްޓިވަލެއްގައި ވެސް ޕާފޯމްކޮށްފަ އެވެ. އެކަމަކު، އެ ބޭންޑުގެ ވޯލްޑް ޓުއާއެއްގެ ދަށުން އިންޑިއާގައި ޝޯއެއް ބާއްވާނެ މިއީ އަދި ފުރަތަމަ ފަހަރެވެ.
ކޯލްޑްޕްލޭގެ "މިއުޒިކް އޮފް ދި ސްފިއާސް ވޯލްޑް ޓުއާ 2025"ގެ މުމްބާއީގެ ޝޯތައް ބާއްވަން ފުރަތަމަ ތާވަލުކޮށްފައި އޮތީ އަންނަ ޖެނުއަރީ މަހު 18 އަދި 19 ގައި އެކަންޏެވެ. އިއްޔެ އިތުރުކުރި ޝޯއާ އެކު ތިން ޝޯ ވެސް ބާއްވަނީ މުމްބާއީގެ ޑީވައި ޕާޓިލް ސްޕޯޓްސް ސްޓޭޑިއަމްގަ އެވެ.
އަންނަ އަހަރު އެ ބޭންޑުގެ ފުރަތަމަ ޝޯ ބާއްވަނީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގަ އެވެ. އެއީ ޖެނުއަރީ 11 ގައި ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގަ އެވެ.
އަންނަ އަހަރު އެޕްރީލްގައި ހޮން ކޮންގާއި ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ވެސް އެ ބޭންޑުގެ ޝޯތަކެއް ބާއްވަން ނިންމައި ތާރީހުތައް ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހޮން ކޮންގައި ދެ ޝޯ އާއި ސޯލްގައި ހަތަރު ޝޯ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy