ދުނިޔޭގެ ނުފޫޒު ގަދަ އެތައް ސެލެބްރިޓީންނެއް ބައިވެރިވެގެން ބޭއްވި "ވަން ވޯލްޑް: ޓުގެދާ އެޓް ހޯމް" ކޮންސަޓުން 128 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކުރިއަށް ގެންދާ މަސައްކަތްތަކަށް އެހީވުމުގެ މަގުސަދުގައި ގްލޯބަލް ސިޓިޒެން އިން އިންތިޒާމުކޮށްގެން ހޮނިހިރާއި އާދީއްތަ ދުވަހު ކުރިއަށް ގެންދިތަ ކޮންސަޓްގައި ހިއްސާވި ފަންނާނުންގެ ތެރޭގައި އެލްޓަން ޖޯން، ސާ ޕޯލް މެކާޓްނީ، ލޭޑީ ގާގާ، ޖެނިފާ ލޮޕޭޒް، ސެލީން ޑިއޯން، ރޯލިން ސްޓޯން، ޓޭލާ ސްވިފްޓް، ސްޓެވީ ވޮންޑާ، ބިލީ އީލިޝް އަދި މި ނޫން ވެސް ނުފޫޒުގަދަ އެތަކެއް ފަންނާނުންނެއް ބައިވެރިވެފައިވެ އެވެ.

އެގޮތުން 70 އަށް ވުރެ ގިނަ ފަންނާނުން ކޮންސަޓްގައި ބައިވެރިވި އެވެ.

އެ މީހަކު ހުރި ތަނެއްގައި ހުރެގެން ލައިވް ވާޗުލްއަލް ކޮންސަޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިވެންޓްގައި ބައިވެރިވި އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ އާއި ޝާހްރުކް ޚާން ވެސް ހިމެނެ އެވެ.

ދެ ބަޔަކަށް ބަހާލައިގެން ޖުމްލަ އަށް ގަޑިއިރަށް މި އިވެންޓް ހޯސްޓްކުރީ ޖިމީ ކިމެލް އާއި ޖިމީ ފެލަންގެ އިތުރުން ސްޓެފެން ކޮލްބަޓެވެ. އޮންލައިން އެތައް ޕްލެޓްފޯމަކުން ކޮންސަޓް ލައިވްކޮށް ސްޓްރީމްކުރި އިރު، އެންބީސީ އާއި ސީބީއެސް އޭބީސީ ފަދަ ޓީވީ ނެޓްވޯކްތަކުގެ އިތުރުން ވެސް ދުނިޔޭގެ އެތައް ބްރޯޑްކާސްޓް ނެޓްވޯކްތަކުން ކޮންސަޓް ލައިވްކޮށްފައިވެ އެވެ.

ކޮންސަޓުން ލިބުނު ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ސޮލިޑޭޓްރީ ރެސްޕޮންސް ފަންޑަށެވެ.