އަނބިމީހާ ފަލައޭ ބުނެގެން ކަތިވަޅި ހިފައިގެން ގޮސް މާރާމާރީ ހިންގަން އުޅުނު އޭނާގެ ފިރިމީހާ ށ. މިލަންދޫން އިއްޔެ ރޭ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ މާރާމާރީ ހިންގަން އުޅުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ދެއްކެވުނު ވާހަކަތަކެއްގެ ތެރެއިން އަނބިމީހާ ފަލައޭ ބުނެގެން އެކަމާ ރުޅިއައިސްގެންނެވެ.
އެ މައްސަލާގައި އުމުރުން 22 އަހަރުގެ އެ ފިރިހެން މީހާގެ އިތުރުން އޭނާ ހަމަލާ ރައްދުކުރަން އުޅުނު މީހާ ވެސް ހައްޔަރުކުރި އެވެ. އެއީ 31 އަހަރުގެ ފިރިހެނެކެވެ.
ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުން 31 އަހަރުގެ މީހާ ކޯޓުން ދޫކޮށްލާފައިވާއިރު، 22 އަހަރުގެ މީހާ ތަހުގީގުގެ ބޭނުމަށް 12 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި އެވެ. އެ ދެމީހުންނަށް ވެސް ކުރަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތެވެ.
މިލަންދޫ މެޖިސްޓްރޭޓު ކޯޓުން ނެރެފައިވާ ބަންދު އަމުރުގައި ބުނީ 22 އަހަރުގެ މީހާ ތޫނު ހަތިޔާރެއް ހިފައިގެން 31 އަހަރުގެ މީހާއާ ދެމެދު މާރާމާރީއެއް ހިންގަން އޭނާ ދިރިއުޅޭ ގެ ކައިރިއަށް ދިޔަ ކަމަށާއި އެ ތަނުގައި ހުރީ ކަތިވަޅިއެއް ހިފައިގެން ކަމަށެވެ.
އެވަގުތު އެ ތަނުގައި ހުރި އެހެން މީހަކާ ދިމާލަށް ވެސް ކަތިވަޅި މަޅާލުމަށް ފަހު "ނުފުއްޕައްޗޭ" ބުނެ އޭނާ އިންޒާރުދިންކަން ހެކިންގެ ބަޔާންތަކުން އެނގޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. ފުލުހުން އެ ތަނަށް ދިއުމުން އޭނާގެ އަތުގައި އޮތް ކަތިވަޅި ސައިކަލެއްގެ މަޑި ދަށަށް ލައި ފޮރުވިކަން ވެސް ހެކިންގެ ބަޔާނުން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
އަމުރުގައިވާ ގޮތުން އެ ސައިކަލްގެ މަޑި ދަށުން ކަތިވަޅިއަކާއި އިތުރު ދެ ވަޅި ވެސް ފެނިފައިވާ ސީނަށް ދިޔަ ފުލުހުން ބުނެފައިވެ އެވެ.
ކުށުގެ ވެއްޓަށް ދިޔަ ކަމަށާއި އެ ތަނުގައި އަޑުގަދަކޮށް ވާހަކަ ދެއްކުނު ކަމަށާއި އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ބުނެ، ބަންދުގެ މަޖިލީހުގައި މި މައްސަލައިގެ ބައެއް ތުހުމަތުތަކަށް އޭނާ އިގުރާރުވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.