ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމުގެ އުންމީދުގައި ގިނަ ބަޔަކު ސާޖިކަލް މާސްކްގެ ގިނަ އަދަދަކަށް ގަންނަމުންދާތީ، އޭގެ ދަތިކަން ކުރިމަތިވަމުން ދިއުމާ ގުޅިގެން އާންމުންނަށް މާސްކް ނުވިއްވަން ޗެކް ރިބަޕްލިކް ސަރުކާރުން އަންގައިފި އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓަރު އެޑަމް ވޮޓެކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާންމުން ޕެނިކްވެ، މާސްކް ގިނަ އަދަދަކަށް ގަންނަމުން ދިއުމުގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މާސްކްގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންވެ މާސްކް ވިއްކާ ތަންތަނުން މާސްކް ވިއްކަން ޖެހޭނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ކަމާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ތަންތަނާއި ޕަބްލިކް ހެލްތާއި އިމަޖެންސީ ރެސްކިއު ސާވިސެސް އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހިމެނެ އެވެ.

މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދަން އާންމުން މާސްކް އަޅާކަށް ލާޒިމެއް ނޫނެވެ. އަދި މި މައުލޫމާތު މިގޮތަށް ދުނިޔޭގެ ސިއްހަތަ ޖަމިއްޔާ އާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ދެމުން ދިޔަ ނަމަވެސް ގިނަ ބަޔަކު ޕެނިކްވެ، މާސްކް ހޯދަން އުޅުމުން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ، މި ވައިރަސް ދުނިޔޭގެ ގައުމުތަކުގައި ފެތުރެން ފެށުމާ އެކު ވެސް އެންމެ ބޮޑަށް ޑިމާންޑް އުފުލި، އަގު ވެސް އެތައް ގުނައަކަށް އުފުލިގެން ދިޔަ އެއްޗަކީ މާސްކެވެ.

ނަމަވެސް ސިއްހީ މާހިރުން ދޭ އިރުޝާދަކީ ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން އޮތް އެންމެ ރަނގަޅު ގޮތަކީ ވީހާ ވެސް ގިނަގިނައިން އަތްދޮވުމެވެ.

މިނިސްޓަރު އެޑަމް ވިދާޅުވި ގޮތުގައި ޗެކް ރިޕަބްލިކްގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މާސްކްގެ ދަތިކަން ކުރިމަތިވުމަކީ އާންމުންނަށް ފަރުވާ ދޭން ވެސް ދަތިވެދާނެ ކަމެކެވެ.

"ފަރުވާ ދޭން ތިބި މީހުން ގަދަވެ ސަލާމަތުން ތިބިއްޔާ އާންމުންނަށް ވެސް ރައްކާތެރިކަން ހޯދައިދެވޭނީ. އެހެންވީމާ އިލްތިމާސަކީ ޕެނިކްވެގެން އާންމުން މާސްކް ގަތުން ހުއްޓާލުން،" މިނިސްޓަރު ވިދާޅުވި އެވެ. "މިހާރު މިވާ ގޮތުން ސިއްހީ ދާއިރާގެ މީހުންނަށް މާސްކް ހޯދުމުގައި ދަތިތައް އެބަކުރިމަތިވޭ ވަރަށް ބޮޑަށް.

ޗެކް ރިޕަބްލިކުން މިހާތަނަށް ކޮވިޑް-19 އަށް ފަސް މީހަކު ޕޮޒިޓިވްވެފައިވެ އެވެ.