އެޓްލާންޓާ (ފެބްރުއަރީ 26) - އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަނަކަށް، މުސްލިމް މެންބަރުގެ މައްޗަށް ކާމިޔާބު ހޯދުމަށް ފަހު، ރައީސް ބަރަކް އޮބާމާ ސަރުކާރުގެ ލޭބަ މިނިސްޓަރު ޓޮމް ޕެރޭޒް އިންތިޚާބު ކޮށްފި އެވެ.
އެޓްލާންޓާގައި ބޭއްވި ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީގެ ބައްދަލުވުމުގައި ދެ ވަނަ ބުރުގެ ވޯޓު ޕެރޭޒް ކާމިޔާބު ކުރެއްވީ 235-230 ވޯޓުންނެވެ. ދެ ވަނަ ބުރުގައި ޕެރޭޒްއާ ވާދަކުރެއްވީ މިނެސޮޓާގެ މަންދޫބު ކެއިތު އެލިސަން އެވެ. އެމެރިިކާގެ ކޮންގްރެސް އަށް އިންތިޚާބު ކުރި ފުރަތަމަ މުސްލިމް މެންބަރު އެލިސަން އަށް ވަނީ ސެނޭޓަ އަދި ޕާޓީ ޕްރައިމަރީގައި ހިލަރީ ކްލިންޓަނާއި ވާދަކުރެއްވި ބާނީ ސެންޑާސް އާއި އޭނާގެ ޓީމުން ތާއީދުކޮށްފަ އެވެ. ހިލަރީގެ ޓީމުގެ ތާއީދު އޮތީ ޕެރޭޒް އަށެވެ. ޕާޓީގެ ޑެޕިއުޓީ ޗެއާމަނަކަށް ވަނީ އެލިސަން ހަމަޖައްސައިފަ އެވެ.
ޕެރޭޒް ވިދާޅުވީ އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން އިތުބާރާއި ޔަގީންކަން ގެއްލިފައިވާ ކަމަށެވެ. އަދި ޓްރަމްޕަކީ އެމެރިކާގެ ތާރީޚު ދުށް އެންމެ ކަމުނުދާ ރައީސް ކަމަށް އޭނާ ވިދާޅުވި އެވެ. ޕެރޭޒް ކުރައްވަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރިޔާސީ އިންތިޚާބަށް ފަހު ބައިބައިވެފައިވާ ޕާޓީ އެކަތިގަނޑަކަށް ހެދުމާއި ޕާޓީ އަލުން އިންތިޒާމް ކުރުމެވެ. އަދި 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ފެއްޓުމެވެ. ޕެރޭޒް ވިދާޅުވީ ޕާޓީގެ އުސޫލުތަކާ އެކު ކުރިއަށް ގޮސް ކާމިޔާބު ލިބޭނެ ކަމަށެވެ.