މި އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގެ ޕްރައިމަރީގައި ވާދަކުރެއްވި އެންޑްރޫ ޔަންގް ނިއު ޔޯކްގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
މީޑިއާތަކުން ބުނީ އަންނަ އަހަރު ބާއްވާ އެ އިންތިހާބުގައި ވާދަކުރައްވަން 45 އަހަރުގެ ވިޔަފާރިވެރިޔާ މިހާރު ކަމާބެހޭ އިދާރާތަކަށް ލިޔެކިޔުންތައް ވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ. ޔަންގް އަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބާކުރެއްވި ޖޯ ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީގައި ވަރަށް ބަސް ވިއްކޭ މަޝްހޫރު ޝަހުސިއްޔަތެކެވެ.
ނިއު ޔޯކްގެ މޭޔަރު ކަމަށް ވާދަކުރައްވަން ޔަންގް ނިންމާފައި މި ވަނީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ނާކާމިޔާބުވުމަށް ފަހު، އެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން އުޅުއްވާ ކަމަށް ދެކެވުނު ވާހަކަތައް ވެސް ދޮގުކުރައްވާފައި ވަނިކޮށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް އޭނާ ކުރެއްވި ކެމްޕޭން ހުއްޓަވާލައްވައި ވިދާޅުވީ ނިއު ޔޯކްގެ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.
ޓައިވާން ދަރިކޮޅު އެމެރިކާ ރައްޔިތެއް ކަމަށްވާ ޔަންގަކީ ނިއު ޔޯކަށް އުފަން މީހެކެވެ.
ނިއު ޔޯކްގެ މޭޔަރު ކަމަށް ވާދަކުރައްވާކަން ރަސްމީކޮށް އަދި ޔަންގް އަމިއްލަ އަށް އިއުލާންނުކުރެއްވި ނަމަވެސް އެ ރޭހަށް އޭނާ ނުކުންނަވާކަން ނިއު ޔޯކް ސިޓީ ކެމްޕެއިން ފައިނޭންސުން ބޯޑުން ވަނީ މިދިޔަ ބުދަ ދުވަހު ކަށަވަރުކޮށް ދީފަ އެވެ.
މި ވަގުތު ނިއު ޔޯކްގެ މޭޔަރަކީ ބިލް ޑި ބްލާޒިއޯ އެވެ. އޭނާ އެ މަގާމާ ހަވާލުވީ 2014 ގަ އެވެ.
އަންނަ އަހަރު ބާއްވާ ނިއު ނިއު ޔޯކްގެ މޭޔަރު ހޮވުމުގެ އިންތިހާބު އޮންނާނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.