އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް ދެއްވަމުން ގެންދަވާ ވަރުގަދަ އިންޒާރުތަކަކީ "ނަފްސާނީ ބަލިމަޑުކަމެއް" ގެގޮތުގައި އެމެރިކާގެ މަޖިލީހުގެ އިސް މެންބަރު ޖިމް މެކްގަވަން ސިފަކުރައްވައިފި އެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރު މެކްގަވަން ވިދާޅުވި ގޮތުގައި އިރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ އަސްކަރީ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ސަލާމަތަށް އޮތް ނުރައްކާ ދަނީ އިތުރުވަމުންނެވެ.

"އެމެރިކާއިން ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ އަގު ވައްޓާލުމަކީ އެހެން ގައުމުތަކުން ވެސް އެފަދައިން އަމަލުކުރުމަށް އަހަރެމެން ދޭ ދައުވަތެއް. މީގެ ސަބަބުން އަހަރެމެން އެންމެންގެ ސަލާމަތްތެރިކަން މި ދަނީ ކުޑަވަމުން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި މެކްގަވަން ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ ހިލާފަށް، ހާއްސަކޮށް ޖެނީވާ ކޮންވެންޝަނާ ހިލާފުވުމަކީ ހަނގުރާމައިގެ ކުށްތަކަށް ފެތިދާނެ ކަމެއް ކަމުގެ އިންޒާރު އިންސާނީ ހައްގުތަކުގެ އެކްޓިވިސްޓުންނާއި މާހިރުން ދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޓްރަމްޕް ދާދިފަހުން އިރާނަށް ދެއްވި ހަރުކަށި އިންޒާރުތަކަށް އިޝާރާތް ކުރައްވައި މެކްގަވަން ވިދާޅުވީ، އެއީ އެއްވެސް އިންސާފެއް ނެތް އަދި ނުހަނު ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ.

"މިއީ ނަފްސާނީ ބަލިމަޑުކަމެއް.  އެމެރިކާގެ ރައީސް އެބަޖެހޭ މިކަމުގައި އެހީތެރިކަން ހޯއްދަވަން،" ޓްރަމްޕްގެ އަމަލުތަކަށް ފާޑުވިދާޅުވަމުންމެކްގަވަން ލިޔުއްވާފައިވެ އެވެ.