އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު، ޑޮނަލްޑް ޓްރަމްޕަކީ އަދިވެސް އެ ގައުމުގެ ރައީސްކަން ހަނދާންކޮށްދީ ވައިޓް ހައުސް އިން ސޯޝަލް މީޑިއާގައި ވަރުގަދަ މެސެޖެއް އާންމުކޮށްފި އެވެ.

މިޑްޓާމް އިންތިހާބުގައި އެމެރިކާގެ ރައްޔިތުން ވަނީ ގިނަ އަދަދަކަށް ޑިމޮކްރެޓްސްއަށް ވޯޓުދީ، ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ އަޣުލަބިއްޔަތު ވެސް ޑިމޮކްރެޓްސްއަށް ހޯދައިދީފަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު އެއް ނާކާމިޔާބީ އެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު ވައިޓް ހައުސްގެ ރަސްމީ އެކައުންޓުން އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ޓްރަމްޕަކީ އަދިވެސް ތިޔަބޭފުޅުންގެ ރައީސް" ކަމަށެވެ. އެ ޕޯސްޓާ އެކު އާންމުކޮށްފައި ވަނީ ރައީސްގެ ރަސްމީ ޑެސްކު ކައިރީގައި ޓްރަމްޕް އިންނަވާ ފޮޓޯއެކެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސްޓީވަން ޗެންގް ވެސް ވަނީ ސޯޝަލް މީޑިއާގައި މި މެސެޖު ތަކުރާރު ކުރައްވައި، ޑޮނަލްޑް ޖޭ ޓްރަމްޕަކީ އެމެރިކާގެ ރައީސް ކަމަށާއި، އަދިވެސް ހުންނެވީ ރައީސްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ވައިޓް ހައުސްގެ މި ޕޯސްޓްތަކަށް ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް ވަނީ ރައްދުވެފަ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ޓްރަމްޕަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހު އެއްވެސް ބާރެއް ނެތް [ލޭމް ޑަކް] ރައީސެއް ކަމަށެވެ. އަދި މިއީ ރައީސަކަށް ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އެއް ބަލިވުން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

މި ނާކާމިޔާބީއަށް ފަހު ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ ލިބުނު ދެރައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރިޕަބްލިކަން ޕާޓީގެ ބަލިވުމުގެ ޒިންމާ ނެންގެވުމުގެ ބަދަލުގައި އޭނާ ކުށްވެރިކުރެއްވީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނެވެ.

ރިޕަބްލިކަން ޕާޓީގެ އިސް މަސްއޫލުވެރިންގެ މެދުގައި މިހާރު ވަނީ މި ބޮޑު ބަލިވުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ މެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ސެނެޓްގެ ރިޕަބްލިކަން އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ މުޅި ޕާޓީ ސުންނާފަތިވުމެކެވެ. އަދި މިކަމުގެ ޒިންމާ އުފުލަންޖެހޭނީ ޓްރަމްޕް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިޑްޓާމް އިންތިހާބުގެ މި ނަތީޖާއާ އެކު އިދިކޮޅު ޑިމޮކްރެޓްސް އިން ދަނީ ތާރީހީ ކާމިޔާބީއެއް ފާހަގަކުރަމުންނެވެ. މި އިންތިހާބުން ވަނީ އެމެރިކާގެ ސިޔާސީ ތާރީހުގައި ބައެއް ހުރަސްތައް ނައްތާލައި، ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ އަންހެން ގަވަރުނަރަކާއި، މުސްލިމް ސެނެޓަރެއްގެ އިތުރުން މަޖިލީހުގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ ބޭފުޅަކު ވަޑައިގަތުމަށް މަގުފަހިވެފަ އެވެ.