އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް (ކޮންގްރެސް) ގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް މިނެސޯޓާގެ ފިފްތު ކޮންގްރެޝަނަލް ޑިސްޓްރިކްޓުން ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، އިލްހާން އޮމާރު ބޮޑު އަޣްލަބިއްޔަތަކުން އެ ގޮނޑި އަނެއްކާވެސް ކާމިޔާބު ކުރައްވައިފި އެވެ.
މިއީ އުމުރުން 44 އަހަރުގެ އިލްހާން އެމެރިކާގެ ކޮންގްރެސް އަށް އިންތިހާބުވި ފަސް ވަނަ ދައުރެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޖޯން ނޭގަލް އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ޑިވެލް އެލް ޖެކްސަންއާ ވާދަކުރައްވަ އެވެ.
އެމެރިކާގެ ބޮޑެތި މީޑިއާތަކުން އާންމުކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިލްހާން އޮމާރު ވަނީ ވޯޓުގެ 76.5 ޕަސެންޓާއި 77 ޕަސެންޓާ ދެމެދުގެ އަދަދެއް ކާމިޔާބު ކުރައްވައިފަ އެވެ. އެއީ 263,000 އަށް ވުރެ ގިނަ ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް ޖޯން ނޭގަލް އަށް ލިބުނީ ވޯޓުގެ 16 ޕަސެންޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޖެކްސަން އަށް ލިބުނީ 7 ޕަސެންޓް ވޯޓެވެ.
މި ފަހަރުގެ އިންތިހާބާ އިލްހާން ކުރިމަތިލެއްވިއިރު، ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން ވަނީ އިލްހާން ބަލިކުރުމަށްޓަކައި ވަރުގަދަ އެންޓި-ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ. ހާއްސަކޮށް އިލްހާންގެ އިމިގްރޭޝަން ލިޔެކިޔުންތަކާ ގުޅޭ ގޮތުން ފެޑެރަލް ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ، ޓްރަމްޕްގެ ފަރާތުން އޭނާއަށް ބޮޑެތި ސިޔާސީ ހަމަލާތަކެއް އަމާޒުކުރި އެވެ.
ނަމަވެސް އިލްހާން ވަނީ މި ތަހުގީގުތަކަކީ އެއްވެސް އަސާސެއް ނެތް، ޓްރަމްޕްގެ ސަރުކާރުން ސިޔާސީ ބޭނުމަކަށް އޭނާ ބަދުނާމުކޮށް ނަން ހުތުރުކުރަން ހިންގާ ޕްރޮޕަގަންޑާއެއް ކަމަށް ވިދާޅުވެ އެ ތުހުމަތުތައް ދިފާއުކޮށްފަ އެވެ.
މިނެސޯޓާގެ ފިފްތު ކޮންގްރެޝަނަލް ޑިސްޓްރިކްޓަކީ ޒަމާނުއްސުރެ ޑިމޮކްރެޓުންގެ ބޮޑު ތާއީދެއް އޮންނަ، އެ ޕާޓީގެ ވަރަށް ވަރުގަދަ ބާރެއް އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދުގެ ތެރޭގައި މިނިއާޕޮލިސް އާއި އޭގެ ވަށައިގެންވާ ބައެއް އަވަށްތައް ހިމެނެ އެވެ.