އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ މެދު ރައްޔިތުން ނުރުހުން ފާޅުކޮށް، ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ދީފި އެވެ.

އިއްޔެ ބޭއްވި މިޑްޓާމް އިންތިހާބުގެ ނަތީޖާތަކާ އެކު، ސީއެންއެން އާއި ސީއެންބީސީ ފަދަ ބޮޑެތި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހައުސް އާއި ސެނެޓްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބޭނެކަން މިހާރު ކަށަވަރެވެ. މިއާ އެކު، ޓްރަމްޕްގެ ދެވަނަ ދައުރުގެ ފަހު ދެ އަހަރުގެ ގާނޫނީ އެޖެންޑާތައް ހުއްޓުވުމާއި، ސަރުކާރުގެ މައްސަލަތައް ފުޅާދާއިރާއެއްގައި ތަހުގީގު ކުރުމުގެ ބާރު ޑިމޮކްރެޓުންނަށް ލިބޭނެ އެވެ.

މި އިންތިހާބަކީ ޓްރަމްޕްގެ ދެވަނަ ދައުރާ މެދު ރައްޔިތުންގެ އޮތް ބޮޑު ނުރުހުން ވަރަށް ބޮޑަށް ހާމަވި އިންތިހާބަކަށް ވަނީ ވެފަ އެވެ. ހާއްސަކޮށް، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ޓެރިފްތަކާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލިފައިވުމުން ރިޕަބްލިކަން ޕާޓީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. ޓްރަމްޕްގެ މަގުބޫލުކަން ވެސް މިހާރު އޮތީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ އެވެ.

އިންތިހާބުގެ އެންމެ ބޮޑު ސިހުމެއް ލިބުނީ ސައުތު ކެރޮލައިނާގެ ސެނެޓް ގޮނޑިންނެވެ. އެ ސްޓޭޓުން ޑިމޮކްރެޓިކް ކެންޑިޑޭޓް، ކުޑަކުދިންގެ ޑޮކްޓަރު އެނީ އެންޑްރޫސް ވަނީ، ޓްރަމްޕް ތާއީދުކުރެއްވި ޑާލީން ގްރަހަމް ބަލިކުރައްވައިފަ އެވެ. ޑާލީން އަކީ މިދިޔަ ޖުލައި މަހު މަރުވި ރިޕަބްލިކަން ސެނެޓަރު ލިންޑްސޭ ގްރަހަމްގެ ކޮއްކޮ އެވެ. މިއީ 1998 ގެ ފަހުން އެ ސްޓޭޓުން ޑިމޮކްރެޓުން ސެނެޓް ގޮނޑިއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ކާމިޔާބީ ފާހަގަކުރަނީ. -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ކާމިޔާބީ ފާހަގަކުރަނީ. -- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން ނޯތު ކެރޮލައިނާ އިން ވެސް ޓްރަމްޕްގެ ކެންޑިޑޭޓް ބަލިކޮށް، ކުރީގެ ގަވަރުނަރު ރޯއި ކޫޕާ ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. 

"ނުލުގެ ރާޅެއް"

ހައުސްގެ ނަތީޖާތަކުން ފެންނަ ގޮތުގައި ރިޕަބްލިކަން ޕާޓީގެ ސަޕޯޓު ބޮޑު ސަރަހައްދުތަކަށް ވެސް ޑިމޮކްރެޓުން ވަނީ ބާރު ގަދަކޮށްފަ އެވެ. އެގޮތުން އިންޑިއާނާ ސްޓޭޓުން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޭޑީ ފޯޑް ވަނީ، 2024 ގައި ޓްރަމްޕް 17 ޕަސެންޓުގެ ތަފާތުން ކާމިޔާބުކުރި ދާއިރާގެ ގޮނޑި ރިޕަބްލިކަން ކޮންގްރެސް މެންބަރު ވިކްޓޯރިއާ ސްޕާޓްޒް އަތުން ހޯދައިފަ އެވެ.

ޖޯޖިއާގެ ގަވަރުނަރުކަން އެޓްލާންޓާގެ ކުރީގެ މޭޔަރު ކެއިޝާ ލާންސް ބޮޓަމްސް ކާމިޔާބު ކުރެއްވުމާ އެކު، އޭނާ ވެގެންގޮސްފައިވަނީ އެމެރިކާގެ ތާރީހުގައި ވެސް ގަވަރުނަރުކަމަށް ހޮވުނު ފުރަތަމަ ކަޅު ނަސްލުގެ އަންހެނާއަށެވެ. މިއީ އެ ސްޓޭޓުގައި 24 އަހަރުވީ ރިޕަބްލިކަން ވެރިކަން ނިމުމަކަށް އައި ފަހަރެކެވެ.

ނަމަވެސް، ފްލޮރިޑާގެ ގަވަރުނަރުކަން ޓްރަމްޕް ތާއީދުކުރެއްވި ބައިރަން ޑޮނަލްޑްސް ވަނީ ކާމިޔާބު ކުރައްވައި، އެ ސްޓޭޓުގެ ފުރަތަމަ ކަޅު ނަސްލުގެ ގަވަރުނަރަށް ވެވަޑައިގެންފަ އެވެ.

ވައިޓް ހައުސް އޮތީ ގޮތްދޫކުރާ ގޮތަކަށް ނޫން!

ވައިޓް ހައުސްގެ އޮފިޝަލަކު އޭއެފްޕީއަށް ބުނި ގޮތުގައި ރައީސް ޓްރަމްޕް ހުންނެވީ "ގޮތްދޫކުރައްވާ ގޮތަކަށް ނޫނެވެ." އަދި ވާތު ފިޔައިގެ ސިޔާސަތުތަކާ ޓްރަމްޕް ދެކޮޅު ހައްދަވާނެ ކަމުގެ އިންޒާރު އޭނާ ދިނެވެ.

އުމުރުން 80 އަހަރުގެ ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާގެ ސަރުކާރުން އެމެރިކާގެ ބާރު ގަދަކޮށްފި ކަމަށާއި، ނަމަވެސް ދެ އަހަރު ކުރިން ގައުމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި އިދިކޮޅު މަޖިލީހެއް އަތުވެއްޖެ ނަމަ، ހުރިހާ ކަމެއް ވީޓޯ ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު، ފަހުން ޑިމޮކްރެޓުންނާ އެކު އެއްބަސްވުންތަކަކަށް ވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.