އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް އަތުލުމަށް ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން ވާދަކުރާ، އެ ގައުމުގެ މިޑްޓާމް (ދައުރުގެ މެދުތެރޭ) އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގެ މެދުތެރެއިން ބާއްވާ މި އިންތިހާބަކީ ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާ މިންވަރު ވަޒަންކޮށްލަން ލިބޭނެ އެންމެ ބޮޑު އިމްތިހާނެވެ. މިއަދުގެ އިންތިހާބުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) ގެ ހުރިހާ ގޮނޑިއަކަށާއި، މަތީގެ (ސެނެޓް) ގެ 35 ގޮނޑިއެއްގެ އިތުރުން 36 ސްޓޭޓެއްގެ ގަވަރުނަރުން ހޮވުން އޮންނާނެ އެވެ.
މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ކޮންގްރެސްގެ ދެ ގޭގެ މެޖޯރިޓީ ހޯދުމުގަ އެވެ. އެގޮތުން ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް ލިބެން އޮތީ އިތުރު ތިން ގޮނޑި ކާމިޔާބުކޮށްގެންނެވެ. ސެނެޓްގެ ކޮންޓްރޯލް ހޯދުމަށް ޑިމޮކްރެޓުންނަށް އިތުރު ހަތަރު ގޮނޑި ބޭނުންވެ އެވެ.
އިންތިހާބުގެ ފަހުގެ ސާވޭތަކާއި ލަފާކުރުންތަކަށް ބަލާއިރު، މި ފަހަރު ޑިމޮކްރެޓުންނަށް ބޮޑު ކާމިޔާބީއެއް ލިބުމުގެ ފުރުސަތު ބޮޑެވެ. ނޭޓް ސިލްވާގެ ފޯކާސްޓް މޮޑެލްއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ސެނެޓްގެ އަޣްލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބުމުގެ 82 ޕަސެންޓް ފުރުސަތު އެބައޮތެވެ. އަދި ހައުސްގެ މެޖޯރިޓީ ވެސް ޑިމޮކްރެޓުން ހޯދާނެ ކަމަށް ވަނީ ބޮޑަށް ލަފާކޮށްފަ އެވެ.
އެންބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮންގްރެސްގެ ޕޯލްތަކުން ޑިމޮކްރެޓުން މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ސެނެޓްގެ 5 ގޮނޑިއަކާއި ހައުސްގެ 12 ގޮނޑިއެއްގެ ވާދަވެރިކަން އޮތީ ނަތީޖާ ކޮޅެއްގައި ނުޖެހި ވަރަށް ބޮޑަށް ހަމަހަމަކޮށެވެ. ނިއުޔޯކް ޓައިމްސް އިން ވެސް ބުނީ ފަހުގެ ޕޯލްތަކުން ޑިމޮކްރެޓުންނަށް ބޮޑު ރާޅެއް އަންނަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުން އެންމެ ބޮޑަށް ބަލާފައިވަނީ ދިރިއުޅުމުގެ ހަރަދުތަކާއި، އިންފްލޭޝަން އަދި ހިޖުރަކުރުމުގެ މައްސަލަތަކަށެވެ. އިންތިހާބުގެ ރަސްމީ ވޯޓުލުން މިއަދު ފެށުނު އިރު، ކުރިން ވޯޓުލުމުގެ ފުރުސަތުގައި (އާލީ ވޯޓިން) ގައި ވެސް 50 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފަ އެވެ.
މިއީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ހަރަދު ބޮޑު މިޑްޓާމް އިންތިހާބަށް ވާނެ ކަމަށް ބެލެވޭއިރު، ކެމްޕޭނުތަކަށް އެކަނި ވެސް 12 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.