ރަޝިއާއާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށް، ތަންފީޒުކުރަން ތައްޔާރުވަމުންދިޔަ ދަތިކުރުމުގެ އާ، ބޮޑެތި ފިޔަވަޅުތަކުގެ ޕެކޭޖު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްޓުވައިފި އެވެ.
މި ފިޔަވަޅުތައް ރަސްމީކޮށް ފެށުމަށް އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް، ޓްރަމްޕް ވަނީ މި ގާނޫނު ތަންފީޒުކުރުން ފަސްކުރުމަށް ހާއްސަ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައިފަ އެވެ. ކޮންގްރެސްއަށް ފޮނުއްވި އެންގުމެއްގައި ޓްރަމްޕް ވިދާޅުވީ، މި ފިޔަވަޅުތައް މަޑުޖައްސާލަން ނިންމެވީ އެމެރިކާގެ "ގައުމީ މަސްލަހަތަށްޓަކައި" ކަމަށެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ދެއްވައިފައެއް ނުވެ އެވެ.
މި ނިންމުން މި އައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށް ރަޝިއާއިން ޑީސަލް އެތެރެކުރުމުގެ އެއްބަސްވުމެއްގައި އެމެރިކާއިން ސޮއިކުރިތާ ހަފުތާއެއް ފަހުންނެވެ.
ޓްރަމްޕް މި ހުއްޓުވީ، މިދިޔަ ޖުލައި މަހު މަރުވި ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރަހަމްގެ ހަނދާނުގައި ނަންދީފައިވާ "ލިންޑްސީ އޯ. ގްރަހަމް ސެންކްޝަނިން ރަޝިއާ އެންޑް އީރާން އެކްޓް 2026" އެވެ. މިއީ މީގެ މަހެއްހާ ދުވަސް ކުރިން ޓްރަމްޕް ސޮއިކުރައްވައި ތަސްދީގުކުރެއްވި ބިލެކެވެ. ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ފަންޑުކުރާ އާމްދަނީ ހުއްޓުވުމަށް ފާސްކުރި މި ގާނޫނުގެ ދަށުން ހުއްޓުވި މައިގަނޑު ކަންކަމަކީ:
- ރަޝިއާގެ މުދަލުން 500 ޕަސެންޓާ ހަމައަށް ޓެކްސް ނެގުމާއި، ރަޝިއާގެ ތެޔޮ އެންމެ ގިނައިން ގަންނަ ފަސް ގައުމުން (ޗައިނާ އަދި އިންޑިއާ ހިމެނޭ ގޮތަށް) އެތެރެކުރާ މުދަލުން 100 ޕަސެންޓުގެ ޓެރިފް ނެގުން.
- ރަޝިއާގެ ސިޔާސީ އިސްވެރިންނާއި، މަހުޖަނުން (އޮލިގާކުން) އަދި ދައުލަތުގެ ބޭންކުތަކަށް އަމާޒުކޮށް ފިޔަވަޅު އެޅުން.
- ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް ރަޝިއާއިން ބޭނުންކުރާ ސިއްރު ތެޔޮ ޓޭންކަރުތަކަށް (ޝެޑޯ ފްލީޓަށް) އަދަބު ދިނުން.
އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި ޓްރަމްޕްގެ މި ނިންމެވުމުގެ ސަބަބުން ހުއްޓުނީ ހަމައެކަނި އަލަށް ފާސްކުރި އާ ފިޔަވަޅުތަކެވެ. މީގެ ކުރިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ އެހެން ފިޔަވަޅުތައް ހަމަ އެގޮތުގައި ކުރިއަށް ދާނެ އެވެ.
ޓްރަމްޕްގެ މި ނިންމެވުމާއެކު ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިއީ "އެމެރިކާއިން ދިން ސެންކްޝަން ބްލެކްއައުޓެއް" ކަމަށާއި، މިއީ ޕުޓިންއަށް ދިން މާލީ އިނާމެއް ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ ކޮންގްރެސްގެ ދެ ޕާޓީގެ މެންބަރުން ވެސް ވަނީ މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މަރުވި ސެނެޓަރު ގްރަހަމްގެ ގޮނޑިއަށް ހޮވިފައިވާ އޭނާގެ ކޮއްކޮ، ސެނެޓަރު ޑާލީން ގްރަހަމް ވެސް ވަނީ މި ނިންމުމާ ދެކޮޅަށް ކޮންގްރެސްއިން ތެދުވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރަޝިއާއިން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފަ އެވެ. ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިންގެ ހާއްސަ މަންދޫބެއް ކަމަށްވާ ކިރިލް ޑިމިޓްރިއޭވް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ލިބުނު "ތާރީހީ އަދި މުހިންމު ފުރުސަތެއް" ކަމަށެވެ.