އިންޑިއާއާ އެކު ވިޔަފާރީގެ "ޑީލެއް ހަދައިފިން" ކަމަށާއި އެ ގައުމުގެ ބޮޑުވަޒީރު ވަނީ ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލަން އެއްބަސްވެ ވަޑައިގެންފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވީ އިންޑިއާއިން ދެން ގަންނާނެ ކަމަށް ބެލެވެނީ، އެމެރިކާއިން ވެރިކަން ބަދަލުކުރި ވެނެޒުއޭލާގެ ތެޔޮ ކަމަށެވެ. 

ރަޝިޔާގެ ތެޔޮ އިންޑިއާއިން ގަތުމަކީ ޔުކްރެއިންނާ ދެކޮޅަށް ކުރާ ހަނގުރާމާގައި ރަޝިޔާއަށް ތާއީދުކޮށް އެހީވުން ކަމަށް ވިދާޅުވެ އިންޑިއާގެ މުދަލުން އެމެރިކާއިން ނަގަން ފަށާފައިވާ 25 ޕަސެންޓުގެ ޓެރިފް ވެސް 18 ޕަސެންޓަށް ކުޑަކުރައްވާނެ ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ. މީގެ އިތުރުން އިންޑިއާއިން އެމެރިކާގެ މުދަލަށް ނަގާ ޓެރިފް އުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ވައިޓް ހައުސްގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ އިންޑިއާގެ މުދަލުން އެމެރިކާއިން ނަގަން ނިންމި 25 ޕަސެންޓުގެ ޓެރިފުގެ އިތުރުން، ރަޝިޔާގެ ތެޔޮ ގަންނާތީ މިދިޔަ އަހަރު އިތުރަށް ނަގަން ފެށި 25 ޕަސެންޓް ޓެރިފް ވެސް އުވާލާނެ އެވެ. އެއީ ރަޝިޔާގެ ތެޔޮ ނުގަންނަން އިންޑިއާއިން އެއްބަސްވުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މި ދެ ޓެރިފާ އެކު އިންޑިއާގެ މުދަލުން އެމެރިކާއިން 50 ޕަސެންޓާ ހަމައަށް ޓެރިފް ނަގަ އެވެ. 

"އެކުވެރިކަމާއި އިހުތިރާމަށް ބަލައި، ބޮޑުވަޒީރު މޯދީ [ގެ އެދިވަޑައިގަތުމަކަށް] މި ވަގުތުން ފެށިގެން އިންޑިއާ އާއި އެމެރިކާގެ ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ވަނީ ފެށިފައި،" ޓްރަމްޕު ވިދާޅުވި އެވެ. 

މޯދީ އަކީ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕު ވިދާޅުވީ އިންޑިއާއިން ވަނީ ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް ފަހު މިހާރަށްވުރެ ގިނައިން އެމެރިކާއިން އަދި ފަހަރެއްގައި ވެނެޒުއޭލާއިން ތެޔޮ ގަންނަން އެއްބަސްވެވަޑައިގެންފައި ކަމަށެވެ. 

"ޔުކްރެއިންގައި ކުރާ ހަނގުރާމަ ހުއްޓުމަކަށް ގެންނަން މިކަމުން އެހީއަކަށްވާނެ،" ޓްރަމްޕު ވިދާޅުވި އެވެ. 

އެމެރިކާއިން ގެންދަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ގަދަބާރުން ގެންގޮސް އެމެރިކާގައި ހައްޔަރުކޮށް ދައުވާ އުފުލުމަށް ފަހު ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި ހިނގާ ގޮތް ބަލަމުންނެވެ.