އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދައުވާކުރަން އެ މީޑިއާތަކުން ނިންމައިފި އެވެ.
މި މީޑިއާ އެޖެންސީތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެމެރިކާގެ ގާނޫނީ އަސާސީގެ ފަސްޓް އެމެންޑްމަންޓުން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށާއި، މީޑިއާތަކުން ޝާއިއުކުރާ މައުލޫމާތުތައް ސަރުކާރުން ބޭނުންވާ ގޮތަށް ކޮންޓްރޯލް ނުކުރެވޭނެކަން ސާބިތުކޮށްދިނުމަށް ކުރާ ދައުވާއެއް ކަމަށެވެ.
ރައީސް ޓްރަމްޕް މި ނޫސްތައް ވައިޓް ހައުސްއަށް ވަނުން މަނާކުރެއްވީ އެ ނޫސްތަކުން ސަރުކާރާ ގުޅޭގޮތުން "ދޮގު ޚަބަރު" (ފޭކް ނިއުސް) ފަތުރާ ކަމަށް ތުހުމަތުކުރެއްވުމަށްފަހު އެވެ.
ހޮނިހިރު ދުވަހު މި މީޑިއާތަކުގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަންނަން މަސައްކަތް ކުރުމުން، އެމީހުންގެ އެކްރެޑިޓޭޝަން ފާސްތައް ވަނީ ބާތިލުކޮށް، އަތުލައިފަ އެވެ.
ނޫސްތަކުން ކޯޓުގައި އެދެނީ ވައިޓް ހައުސްއިން އަޅާފައިވާ ފިޔަވަޅު ވަގުތުން ހުއްޓުވައި، ނޫސްވެރިންގެ އެކްރެޑިޓޭޝަން އަނބުރާ ދިނުމަށް އަމުރެއް ނެރެދިނުމަށެވެ. މި ނޫސްތަކުން ފާހަގަކުރި ގޮތުގައި، ސަރުކާރުން ހިތްހަމަނުޖެހޭ ގޮތަށް ރިޕޯޓް ކުރުމުން މީޑިއާތައް މަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށާއި އާންމުންނަށް ލިބެންޖެހޭ މައުލޫމާތުގެ ހައްގަށް އޮތް ބޮޑު ނުރައްކަލެކެވެ.
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން އާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް ވަނީ ޓްރަމްޕްގެ މި ނިންމެވުމަށް ފާޑުކިޔައި، ނޫސްވެރިންގެ ހައްގު ވަގުތުން އިއާދަކުރުމަށް ގޮވާލައިފަ އެވެ.