ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެލްޓް ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ފްލެޓާއި ގޯތި ކޮމިޓީން ކުރިން މަސައްކަތް ކުރަމުން އައީ މިދިޔަ މަހުގެ ތެރޭގައި ލިސްޓް ނެރެވޭތޯ އެވެ. އެކަމަކު އީދު ބަންދުގެ ކުރިން ނެރުނީ ގޯތި ލިސްޓެވެ. ބޯހިޔާވަހިކަމުގެ ވައުދާ ގުޅުވައި ފްލެޓް ލިސްޓު ލަސްވާ މައްސަލާގައި ސިޔާސީ ފަރާތްތައް ހިމެނޭހެން ދަނީ ސުވާލު އުފައްދައި ސަރުކާރަށް ފާޑުކިއުން އަމާޒުކުރަމުންނެވެ.

ފްލެޓް ލިސްޓާ ގުޅޭ ގޮތުން އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލެޓް ލިސްޓު މި މަސް ނިމުމުގެ ކުރިން ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރިން ވެސް ދަންނަވާފައިވާނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލީ 20،600 މީހުންނެވެ. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތި ލިސްޓު މިދިޔަ މަހު ވަނީ އާންމު ކޮށްފަ އެވެ. ސަރުކާރުން ބުނީ ގޯއްޗަށް އެދި 23،088 މީހުން ފޯމް ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،858 މީހުން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހު ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.