ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކުރާ، ހއ. ދިއްދޫން ބުރު ސްޕޯޓްސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިފި އެވެ.
ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ފަހަރަށް ކުޅޭ ދިވެހި ލީގަށް ދިއްދޫ ކޮލިފައިވީ އަތޮޅު މުބާރާތުން ފެށި ލީގުގެ ކޮލިފައިން މަރުހަލާތައް ކަޑަތުކޮްށްގެންނެވެ. މާލެއިން ބޭރުން ދެ ޓީމެއް ލީގަށް ކޮލިފައިވި އެވެ. އަނެއް ޓީމަކީ ގދ. ގައްދޫ އެވެ.
ގައްދޫން ވަނީ އެ ރަށުގައި މިއަދު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ، ދިވެހި ލީގުގެ ތާރީހުގައި މާލޭން ބޭރުގައި ކުޅުނު ފުރަތަމަ މެޗު ހޯސްޓްކޮށްފަ އެވެ. އެ މެޗު ނިއުއިން ކާމިޔާބު ކުރީ 2-0 ންނެވެ.
ދިއްދޫގެ ފުރަތަމަ މެޗު މާލޭގައި ކުޅެ، ބުރު އަތުން އެ ޓީމު ހޯދި މޮޅަކީ އެ ރަށުގެ ފުޓްބޯޅައިގައި ތާރީހީ ނަތީޖާއެކެވެ. މިއީ ދިވެހި ލީގުގައި މުޅިން އަލަށް ވާދަކޮށް ދިއްދޫން ހޯދި ފުރަތަމަ ތިން ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ދިއްދުއަށް ޖަހައި ދިނީ ގިޑިއަން ޓެޓޭ އެވެ.
ބުރުގެ އޭރިއާގެ ބޭރުން، ހާފުގެ މެދަކާ ހިސާބުން ލިބުނު ހިލޭޖެހުން ޓެޓޭ ވަނީ ހިތްގައުމުކޮށް ފޮނުވާލައި ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ. އެ ބޯޅަ އޭނާ ފޮނާލީ ފާރެއްހެން އެތުރިގެން ތިބި ބުރުގެ ކުޅުންތެރިންގެ ތެރެއިންނެވެ.
އޭގެ މިނެޓެއްހާއިރު ފަހުން، އަނެއްކާވެސް ޓެޓޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވެއްޓިގެން ފައި އޭނާ ފޮނުވާލި ބޯލަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ބުރަކީ، މިދިޔަ ސީޒަނުގެ ލީގުގެ ހަތަރުވަނަ ހޯދި ޓީމެވެ. އެކަމަކު މި ސީޒަނުގައި އެ ޓީމު ވަނީ ބަލިކަށިވެފަ އެވެ. ޓީމުގައި ތިބި ސީނިއާ ބައެއް ކުޅުންތެރިން ވަނީ ޓީމު ދޫކޮށްލާފަ އެވެ. މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަން ކުރި މުހައްމަދު ނިޒާމް ވެސް، އެ ސީޒަނަށް ފަހު ޓީމު ދޫކޮށްލި އެވެ.
އެ ޓީމުން ކޯޗަކަށް ހަމަޖެއްސީ ސްޕެއިންގެ ޒުވާން ކޯޗެއް ކަމަށްވާ ކްރިސްޓިއަން ރޮޑްރިގޭޒެވެ. ބުރު ސްޕޯޓްސްއަކީ އުމުރުން 29 އަހަރުގެ ކޯޗު، ޕްރިމިއާ ޑިވިޝަނެއްގައި ހެޑް ކޯޗުގެ ޒިންމާ ނަގާ ފުރަތަމަ ޓީމެވެ. މީގެ ކުރިން އޭނާ ވަނީ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ބައެއް ގައުމުތަކުގެ ކްލަބްތަކުގައި މަސައްކަތް ކޮށްފަ އެވެ.
ބުރުގައި އޭނާ އަށް އެހީވާން އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރީ މިދިޔަ ރާއްޖޭގެ ތަޖުރިބަކާރު އިސްމާއީ؛ް އާސިފް (ކުޑަ ހީނާ) އެވެ.