ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސްއާ ދެކޮޅަށް މޮޅުވިޔަސް ގަދަ ހަޔަކަށް ނުވަދެވި ރެލިގޭޝަންގެ ޕްލޭއޮފުން ޓީސީން ވާދަކުރަން ޖެހިއްޖެ އެވެ. 

 ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ޓީސީން ކާމިޔާބު ކުރީ 3-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ލަންކާގެ ޑިފެންޑަރު ޗަލަނަ ޗަމީރާ އާއި ހުސައިން ޝަރީފް މުހައްމަދުގެ އިތުރުން އަހްނަފް މުހައްމަދު ތަސްނީމެވެ.

އޮ މޮޅާ އެކު ޓީސީ އަށް ކުރެވުނު ހަމައެކަނި ވަރަކީ، ހަވަނަ މަގާމުގައި އޮތް ވިކްޓަރީއާ ޕޮއިންޓްގެ ގޮތުން އަދި ޖެހި ލަނޑުގެ އަދަދުން ވެސް ހަމަހަމަކޮށްލެވުމެވެ. ދެ ޓީމަށް ވެސް 21 ޕޮއިންޓެވެ. އަދި ދެ ޓީމަށް ވެސް ޖެހުނީ 18 ލަނޑެވެ.  

ޓީސީ ފަހަތުގައި އޮންނަން ޖެހުނީ ބައިކޮޅަށް ވަން ލަނޑުގެ އަދަދު ގިނަ ވުމުންނެވެ. އެ ޓީމު ކޮޅަށް 32 ލަނޑު ވަނެވެ. ވިކްޓަރީ ކޮޅަށް ވަނީ 31 ލަނޑެވެ. 

އެކަމަކު ޓީސީން ލީގުގެ ފަހު ބުރުގައި ދެމެހެއްޓި ފޯމަށް ތައުރީފު ހައްގެވެ. ވިދިވިދިގެން ހަތަރު މެޗުން އެ ޓީމު މޮޅުވި އެވެ.

ލީގުގެ ހަތްވަނަ ޓީމާއި އަށްވަނަ ޓީމަށް ޖެހޭނީ ރެލިގޭޝަންގެ ޕްލޭއޮފް މަރުހަލާގައި ކުޅޭށެވެ. އެކަމަކު ޕްލޭއޮފް މުބާރާތް އޮތް ތާރީހު ކައިރީގައެއް ނެތެވެ. އެއަށް ވުރެ ކުރިން ޓީސީ އަށް އޮތީ ޕްރެޒިޑެންޓްސް ކަޕްގެ ކޮލިފައިންނެވެ. 

ލީގުގެ ފަހު މެޗުގައި މިރޭ ނުކުންނާނީ ޗެމްޕިއަން މާޒިޔާ އާއި އޮޑި އެވެ. މިރޭގެ މެޗަށް ފަހު މާޒިޔާއިން ހަވަނަ ފަހަރަށް ރާއްޖޭގެ މައި ލީގުގެ ތަށި އުފުލާލާނެ އެވެ.