ދިގަލި މޯލްޑިވްސް އިން ބޮޓްލިން ޕްލާންޓެއް ހުޅުވައި ޕްލާސްޓިކް ފުޅި ބޭނުން ނުކުރަން ނިންމައިފި އެވެ.
ދިގަލިން ބުނީ މި ބޮޓްލިން ޕްލާންޓް ގާއިމުކުރުމުގެ ބޭނުމަކީ އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ފެންވަރު ރަނގަޅު ސާފު ފެން ފޯރުކޮށްދިނުން ކަމަށެވެ. މި ޕްލާންޓުގައި ފެން ބަންދުކުރާނީ ރިވާސް އޮސްމޯސިސް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މިއީ ފެނުގައި ހުންނަ ބޭނުން ނުވާ މޮލިކިއުލްތަކާއި ބޮޑެތި ޕާޓިކަލްތައް ނައްތާލާ ޓެކްނޮލޮޖީ އެކެވެ.
ދިގަލިން ބުނީ މިއީ އެ ރިސޯޓު ތިމާވެއްޓާ ރައްޓެހި ރިސޯޓަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. ތިމާވެށި ހިމާޔަތް ކުރުމަށް މިފަދަ އިތުރު ކަންތައް ކުރަމުން ގެންދާނެ ކަމަށް ވެސް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.
ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ މި ރިސޯޓަކީ 20 ބީޗް ބަންގްލޯ އާއި 33 ޑީލަކްސް ބަންގްލޯ އާއި 62 ބީޗް ވިލާ ހުންނަ ރިސޯޓެކެވެ. މީގެ އިތުރުން 24 ވޯޓާ ވިލާ އާއި 16 ލެގޫން ވިލާ ވެސް މި ރިސޯޓުގައި ހުރެ އެވެ.