ޒުވާނުން ތަމްރީން ކުރުމަށް ދިރާގުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ގައުމީ މަސައްކަތެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިދިޔަ އަހަރުގެ ބައިވެރިންގެ ދަސްވެނިވުމަށް ބޭއްވި ހަފްލާގަ އެވެ. މި ހަފްލާގައި، މިއަހަރު މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ވެސް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

މަތީ ތައުލީމާ ބެހޭ ވަޒީރު އިބްރާހިމް ހަސަން ވިދާޅުވީ، އަމިއްލަ މަންފާއެއް ނެތި، ޒުވާނުން ތަމްރީނު ކުރުމަށް ދިރާގުން ކުރަނީ އެހެން ކުންފުނިތަކަށް ނަމޫނާ މަސައްކަތެއް ކަމަށެވެ. އަދި ޒުވާނުން ތަމްރީނު ކުރުމަކީ އިންސާނީ ވަސީލަތް އިތުރު ކުރުމަށް ކުރެވޭ ގައުމީ މަސައްކަތަކަށް ވާއިރު، އެ ކަމުގައި ކުރިމަގުގައި ވެސް ދިރާގު ދެމިއޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕްރޮގްރާމަކީ އެހެން ކުންފުނިތަކުން ހިންގާ ޕްރޮގްރާމްތަކާ ވަރަށް ތަފާތު ޕްރޮގްރާމެއް. އެގޮތުން، މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ދިރާގުގައި މަސައްކަތް ކުރުމަށް ބޮންޑެއް ނޯންނަ ކަން ފާހަގަކުރެވޭ. އަޅުގަނޑު ދެކޭގޮތުގައި މިއީ ކޮންމެ ކޮންމެ ކުންފުންޏަކުން ކުރާނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ-- ފޮޓޯ: ދިރާގު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ-- ފޮޓޯ: ދިރާގު

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އެކި ދާއިރާތަކުން ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުން ތަމްރީނު ކުރުމަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި، މަސައްކަތުގެ އިލްމާއި ހުނަރުގެ އިތުރުން އިންޓަވިއު އާއި "އެތިކްސް" އަދި "ޓައިމް މެނޭޖްމަންޓު" ފަދަ ކަންތައްތައް ދަސްކޮށްދެ އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގއި، އެ ކުންފުނީިގެ އެންމެ ބޮޑު އެއް އަމާޒަކީ ވީހާ ވެސް ގިނަ ދިވެހިން މަސައްކަތުގެ ދާއިރާ އިން ތަމްރީން ކުރުމެވެ. އެގޮތުން، އެ ކުންފުނީގެ މުވައްޒަފުންގެ 99 ޕަސެންޓަކީ ދިވެހި މުވައްޒަފުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެންމެންނަށް ވެސް އެނގޭނެ ފަދައިން ދިރާގަކީ ވަރަށް ގިނަ ދިވެހިން މަސައްކަތް ކުރާ ތަނެއް. މިއަދު މުޅި ރާއްޖެ އަށް އަޅުގަނޑުމެންގެ ހިދުމަތް ފުޅާ ކޮށްފައި ވާއިރު، މިއީ ދިވެހި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން ކުރެވުނު ކަންތައްތަކެއް. މީގެއިން ވެސް އެބަ އެނގޭ އަޅުގަނޑުމެންނަކީ ދިވެހި ހިއުމަން ކެޕިޓަލް ބިނާކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ބައެއް ކަން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުން މި ޕްރޮގްރާމް ކުރިއަށް ގެންދާތާ 10 އަހަރު ވެފައިވާއިރު، މިހާތަނަށް 214 ޒުވާނުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން އަންނަނީ ދިރާގުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރަމުންނެވެ.