ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މި މަހު 20 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށަން ތައްޔާރު ވަމުން އަންނައިރު މިހާތަނަށް 5،600 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި އަހަރުގެ ދުވުމުގައި މިފަހަރު ވެސް ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބައިވެރިވެފަ އެވެ.
މި ހަރަކާތުގައި ހިމެނޭ ކެޓެގަރީތަކުގެ ތެރޭގައި ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓެގަރީތައް ހިމެނެ އެވެ.
މިގޮތުން، ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ އެވެ. ދިރާގުން ބުނީ މިކަމުގެ މަގްސަދަކީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭ ޕްލެޓްފޯމެއް ގާއިމްކޮށްދިނުން ކަމަށެވެ.
ޑީއެމްއާރްއާރް އަށް ދުވުންތެރިން ތައްޔާރުވަމުންދާއިރު، އަމިއްލަ ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން، މިއަހަރުގެ ކޯޗިން ޕާޓްނަރުން ކަމަށްވާ 'ދަ ވެލްނެސް ކްލަބް' އަދި 'އައިލެންޑް ރަނާސް މޯލްޑިވްސް އެންޑް މެރެތަން ރަނާސް މޯލްޑިވްސް' އިން ކުރިއަށްގެންދާ ތަމްރީނުތަކުގައި ބައިވެރިވެ، ތަޖުރިބާކާރު ކޯޗުންގެ އިރުޝާދާ އެކު ދުވުމަށް ތައްޔާރުވުން ވަރަށް މުހިންމު ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މި އަހަރުގެ ދުވުމަކީ ރާއްޖޭގެ ދުވުމުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ އިތުރު ސަބަބަކީ، މިހާރު 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މުބާރާތަކަށް ވުމެވެ. މީގެ ސަބަބުން، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވާނެ އެވެ.