ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ބެހޭ މައުލޫމާތު ސީދާ ގޮތެއްގައި ނުލިބޭ ކަމަށާއި އެ މައުލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ސާފުކުރަންޖެހޭތީ ނަޝީދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެ އެވެ.

ދޮންބިލެތް ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަލާގައި ވެފައިވާ ޒަހަމްތަކަށް ފަރުވޯ ހޯއްދަވަން މިހާރު ޖަރުމަނުގައ ހުންނެވި ނަޝީދާ ވާހަކަ ދައްކާލުމުގެ ފުރުސަތު މިއަދު ލިބިވަޑައިގަތް ކަމަށެވެ.

"ތަހުގީގުގެ މައުލޫމާތު ސީދާ އެ މަނިކުފާނަށް ނުލިބި، ރައީސް އޮފީސް މެދުވެރިވެގެން ސާފުކުރަން ޖެހުމަކީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވި،" ނަޝީދާ ހަވާލާދެއްވައި ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ހާލުކޮޅު މިހާރު ވަރަށް ރަނގަޅެވެ.

ތަހުގީގުގެ މައުލޫމާތު ނަޝީދަށް ސީދާ ހިއްސާނުކުރާ ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ފުލުހުންގެ ތަހުގީގު ކުރިއަށްދަނީ ވަރަށް ރަނގަޅަށް، ހިތްހަމަޖެހޭ ގޮތަށް ކަމަށް ބުނެފަ އެވެ.

މި މަހު ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ. އެ ޒަހަމްތަކަށް ފަރުވާކުރުމަށް އޭޑީކޭ ހޮސްޕިޓަލްގައި ސާޖަރީތަކެއް ހެއްދެވުމަށް ފަހު އިތުރު ފަރުވާއަށް މިހާރު ވަޑަައިގެން ހުންނެވީ ޖަރުމަނުގަ އެވެ.

ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ.