ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އަހުމަދު ނިމާލްގެ އާ ފިލްމު "ހެހެސް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތް ފެށި މި ފިލްމަކީ ފިލްމުގެ ލީޑް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރިންޕްލޭއަކަށް ނިމާލް ޑައިރެކްޓްކުރި އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ޓެގް ލައިނަކަށް "އިން ފަހަނައެޅި އިޝްގް" ހިމަނައިގެން ގެނެސްދޭ ފިލްމުގައި ލޯބީގެ ތަފާތު ރަހަތަކެއް ފެންނާނެކަން ޓީޒާ އިން ހާމަވެ އެވެ.
"ހެހެސް" ބަތަލުންގެ ތެރޭގައި އަލީ އާޒިމް (ދޮންއައްޔަ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ހިމެނެ އެވެ. މި ފަހުން ފިލްމީ ދާއިރާ އިން ފެންނަން ފެށި ޒުވާން ބަތަލާއިންތަކެއް މި ފިލްމުން ފެންނާނެ އެވެ.
އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ އިބްރާހިމް ޒައީދު އަލީ (ކުޑައިއްބެ) 2018 ގައި ގެނެސްދިން ވީޑިއޯ ލަވަ "ލޯބިކަން" އިން ތައާރަފުވި ބަތަލާ ޝިޔާޒާ މުހައްމަދުގެ އިތުރުން ވާޝިޔާ މުހައްމަދާއި މަރިޔަމް ޝިފާ އާއި އިރުފާނާ އިބްރާހީމާއި އައިޝަތު ލަހުފާ ހިމެނެ އެވެ.
ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާންނުކުރާ "ހެހެސް" އަކީ ޑިޖިޓަލްކޮށް ޕްރިމީއާކުރާނެ ފިލްމެކެވެ. އެއީ މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕުންނެވެ.
މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި އޮލިމްޕަސް ސިނަމާ ބަންދުކުރި ފަހުން، ޑިޖިޓަލްކޮށް ޕްރީމިއާކުރި ފިލްމުތަކުގެ ތެރޭގައި މަދޮށިޕާއި އެއް ކާފު ޕްރޮޑަކްޝަންސް ގުޅިގެން މި އަހަރު ގެނެސްދިން "ފަރީ" އާއި އެއް ކާފުގެ ޕޮލިޓިކަލް ތުރިލާ "މަރްޔަމް" ހިމެނެ އެވެ.
"ފަރީ" ބައިސްކޯފުން ޕްރީމިއާކުރި އިރު، "މަރްޔަމް" ޕްރީމިއާކުރީ މީޑިއާ ނެޓްގެ މަލްޓި ސްކްރީނުންނެވެ.
ނިމާލްގެ "ހެހެސް" ގެނެސްދޭން ތައްޔާރުވާ އިރު، "ސިޓީ" އާއި "އަނިޔާ" އަދި "ޒަލްޒަލާ އެނބުރި" އައުން ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2016 ގެ ބިރުވެރި ފިލްމު "އެ ރެއަށް ފަހު" އެވެ.