ރާއްޖެ އެތެރެކުރި ކުއްތާއަކީ ޔޫއޭއީގެ ޝާހީ އާއިލާއަކުން ހުއްދަ ހޯދައިގެން އެތެރެ ކުރި ޖަނަވާރެއް ކަމަށް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓަކު ކުއްތާއެއް ހިފަހައްޓައިގެން އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަސްޓަމާއި ސަރުކާރަށް ފާޑު ކިޔައިފަ އެވެ.
އެ މީހުން ބުނި ގޮތުގައި ކުއްތާ ފަދަ ޖަނަވާރުތަކަކީ ރާއްޖެ އަށް އެތެރެކުރުން މަނާ ޖަނަވާރެވެ. އެކަމަކު ފައިސާ އޮތްނަމަ، ރާއްޖެ އަށް ކުއްތާ އަރުވަން ވެސް މިހާރު "އޯކޭ" ކަމަށް ބައެއް މީހުން ބުންޏެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވި ގޮތުގައި އެ ކުއްތާ ރާއްޖެ ގެނައީ ޔޫއޭއީ ޝާހީ އާއިލާއެއްގެ ބޭފުޅުންތަކެއްގެ ސެކިއުރިޓީ އަށް ބޭނުން ކުރުމަށެވެ. އެ ޝާހީ އާއިލާއަކީ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމަށް އައި ބައެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އެއީ ކޮން ޝާހީ އާއިލާއެއް ކަމާއި އެ މީހުން ޗުއްޓީ ހޭދަ ކުރި ރިސޯޓެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއަކީ ކުއްތާ، ޔޫއޭއީ އަށް ގެންދިޔަ މަގުމަތީގައި ރަންވޭ ކައިރިން ނަގާފައިވާ ފޮޓޯއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝާހީ އާއިލާ އިން އެ ކުއްތާ ގެންގުޅުނީ ރިސޯޓުގައި އެކަނި،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މަނާ ތަކެއްޗާއި ނުރައްކާތެރި ޖަނަވާރުތައް އެތެރެ ކުރެވޭނީ އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ ފަދަ އިދާރާތަކުގެ ހުއްދަ ލިބިގެން ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް އެ ފަދަ ޖަނަވާރުތައް ހުއްދަ ލިބިގެން އެތެރެކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ވަކި ކަހަލަ ރެސްޓްރިކްޝަނެއްގެ ދަށުން ގެނެވޭނީ. އަޅުގަނޑު މަގާމާ ހަވާލުވި ފަހުން އެފަދަ ޖަނަވާރެއް ނުގެނޭ ހުއްދަ ނުހޯދައެއް. ހުއްދަ ނުނަގާ ގެނެސްފިނަމަ، ވަގުތުން ފޮނުވާލާނެ،" ޝަރީފް ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް ފުޅާކޮށް ހަރުދަނާ ކުރުމުގެ ބޭނުމުގައި "ފާރަ ގެމަ" ނަމުގައި 16 ކުއްތާ ރާއްޖޭގައި ވަކި އުސޫލުތަކެއްގެ ދަށުން ގެންގުޅެމުން އަންނަ ބަޔަކީ ފުލުހުން އެކަންޏެވެ. އެ ކުއްތާތައް ބޭނުންކޮށްގެން މާލެ އާއި ބައެއް ރަށްރަށުގައި ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގަ އެވެ.