މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ފުލުހުންގެ ކުއްތާ، "ޝަކީރާ" މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ، ނެދަލެންޑުން ގެނައި "ޝަކީރާ" މަރުވީ ބަލިވެ އުޅުމަށް ފަހު ކަމަށެވެ. ޑްރަގް އޮޕަރޭޝަންތަކުގައި ބޭނުންކުރާ އިތުރު ކުއްތާއެއް ވެސް މީގެ ކުރިން މަރުވެފައި ވެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަން ވަރުގަދަކުރަން ޑޯގް ސްކޮޑެއް އުފައްދައި ކުއްތާތައް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ދެ ކުއްތާއެއް މިއަދު މަރުވުމުން އެ ސްކޮޑުގައި މިހާރު އޮތީ 15 ކުއްތާ އެވެ.

އެ ކުއްތާތަކުގެ ނަމާއެކު ޑިސެމްބަރު 9، 2019 ގައި ފުލުހުން އެ އެއްޗެހިތަކުގެ ފޮޓޯ އާއްމުކުރިއިރު ގިނަ ބައެއްގެ ލޮލުގައި އެންމެ އަޅައިގަތީ ހުދުކުލައިގެ ޝަކީރާއަށެވެ.

އޭރު ފުލުހުން އާއްމުކުރި ފޮޓޯގައި ހިމެނެނީ ޝަކީރާ އާއި ބްލެކީ ކިޔާ ލެބްރަޑޯ ޕެލިޓޭޑް އަކާއި ސޭމް ކިޔާ ލެބްރަޑޯއަކާއި ތާރާ ކިޔާ ބެލްޖިއަމް މެލިނޮއި އެކެވެ. ސޭމް އާ އެއްގޮތަށް ޝަކީރާ އަކީ ލެބްރަޑޯ އެކެވެ.

ކުއްތާތަކަށް ދީފައިވާ ނަންތަކަކީ އެ އެއްޗެހިތައް ނެދަލެންޑުން ރާއްޖެ ގެނައިއިރު ވެސް ދީފައިވާ ނަންތައް ކަމަށް ފުލުހުން ކުރިން ބުންޏެވެ. އެހެން ނަން ނަމުން ގޮވުމުން ކުއްތާތައް އިޖާބަ ނުދޭ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.