އާންމުންގެ ލޯ ފުލުހުންގެ "ޝަކީރާ" އަށް!

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ފުލުހުންގެ ކުއްތާތަކަށް ސޯޝަލް މީޑިއާގައި ސަމާލުކަން ލިބިއްޖެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ އޭގެ ތެރެއިން އެއް ކުއްތާ ކަމަށްވާ "ޝަކީރާ" އަށެވެ.


ފުލުހުންނާ އެކު މަސައްކަތް ކުރާ ހަތަރު ކުއްތާއެއްގެ ފޮޓޯ އެތަނުން އިއްޔެ އާންމު ކުރީ، އެ ކުއްތާތަކާ މެދު ކަންތައް ކުރަނީ ލޯތްބާއި އޯގާތެރިކޮށްތޯ ކަމަށް މީހަކު ޓްވިޓާ މެދުވެރިކޮށް ސުވާލު ކުރުމުންނެވެ. އޭގެ ތަފްސީލު ޖަވާބުތައް ފުލުހުންގެ އިދާރާ އިން ޓްވިޓާ މެދުވެރިކޮށް ވަނީ ދީފަ އެވެ. އަދި އެ ކުއްތާތަކަށް ކިޔަނީ ކޮންކޮން ނަންތަކެއްތޯ އެހުމުން ފުލުހުން ވަނީ އޭގެ ނަންތައް ވެސް ހިއްސާކޮށްފަ އެވެ.

ހަތްަރު ކުއްތާ ހިމެނޭ ފޮޓޯއެއް އާންމު ކުރަމުން ފުލުހުން ބުނަނީ، އޭގެ ތެރޭގައި ހިމެނެނީ ޝަކީރާ އާއި ބްލެކީ ކިޔާ ލެބްރަޑޯ ޕެލިޓޭޑް އަކާއި ސޭމް ކިޔާ ލެބްރަޑޯއަކާއި ތާރާ ކިޔާ ބެލްޖިއަމް މެލިނޮއި އެކެވެ. ސޭމް އާ އެއްގޮތަށް ޝަކީރާ އަކީ ލެބްރަޑޯ އެކެވެ. ފުލުހުން ބުނީ އެ ކުއްތާތަކާ މެދު އެތަނުން ކަންތައްކުރަނީ ރަނގަޅަށް ކަމަށާއި އެތަކެއްޗާ އެކު އެހެން ޖަނަވާރުން ވެސް އުޅޭ ކަމަށެވެ. ހުދުކުލައިގެ ކުއްތާއަކާ ފުލުހަކު އިށީނދެލައިގެން އިން ވަކި ފޮޓޯއެއް ޕޯސްޓް ކޮށްފައި ފުލުހުން ބުނެފައި ވަނީ ޝަކީރާ އަކީ އެއީ ކަމަށެވެ.

ފުލުހުން ކުރި ޓްވީޓެއް

އެ ފޮޓޯ އަށް ހާއްސަ ސަމާލުކަމެއް އާންމުން ދިނެވެ. އެއީ "ޝަކީރާ" ރީތިވެފައި އޭތީގެ މޫނުމަތިން ފެންނަން ހުރި އުފާވެރި ހިނިތުންވުމުގެ ސަބަބުން ކަންނޭނގެ އެވެ. ނުވަތަ ކޮލޮމްބިއާ އަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިއާ އާ އެއް ނަމެއް ކިޔާތީ ކަމަށް ވެދާނެ އެވެ.

އެ ފޮޓޯތަކަށް ކޮމެންޓުކުރި މީހުން އެ ކުއްތާގެ ރީތިކަމާ މެދު ވާހަކަ ދައްކާ، ވަރަށް ފޮޓޯޖެނިކް ކަން ފާހަގަކުރި އެވެ. އަދި ލަވަކިޔުންތެރިޔާ ޝަކީރާގެ ލަވަ "ހިޕްސް ޑޯންޓް ލައި" އެއްގޮތް ކޮށް، ފުލުހުންގެ ޝަކީރާގެ "ނޯސް ޑަޒްންޓް ލައި" ކަމަށާއި އެ ޝަކީރާ ވެސް ދޮގެއް ނުހަދާނެ ކަމަށް ޓްވިޓާގައި "އޯޖީހޮޝިޔޮޝީ" ކިޔާ މީހަކު ބުނެފައި ވެ އެވެ.

އެ ކުއްތާތަކަށް ދީފައިވާ ނަންތަކަކީ އެ އެއްޗެހިތައް ނެދަލެންޑުން ރާއްޖެ ގެނައިއިރު ވެސް ދީފައިވާ ނަންތައް ކަމަށް ފުލުހުން ބުނެ އެވެ.