މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނެއްގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ފިރިހެންމީހާގެ އޮޓޯޕްސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. 

ފުލުހުން ބުނީ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ލިބުނީ އިއްޔެގެ މެންދުރު ފަހު 1:10 ހާއިރު ކަމަށެވެ. 

އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން ބެލިބެލުމުން، އެހެން މީހަކު ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ހަށިގަނޑު އޮތް ހާލަތާއި މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން އެ  ހާދިސާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތް ކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، ފުލުހުން ބުނި ގޮތުގައި އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބުމުން މީޑިއާއާ ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެެވެ.

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ވަރަށް ގިނައިން ހުރެ އެވެ.

އެ މައްސަލަ ހައްލުކުރަން ފުލުހުން ވަނީ މީގެ ކުރިން ރެއިޑް އޮޕަރޭޝަންތައް ވެސް ހިންގައިފަ އެވެ. އަދި ފަޅަށް ހުރި ސަރުކާރުގެ ބައެއް އިމާރާތްތަކާ އެކު، މާލޭގައި 50 އަށް ވުރެ ގިނަ ޑްރަގު އައްޑާ ހުރި ކަމަށާއި އެ ތަންތަން ބަންދުކުރަމުން އަންނަ ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.