ޑްރަގްގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 100،000ރ. އިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލާން ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އުމުރު ދުވަހުގެ ގޮތުގައި ބަލާ 25 އަހަރަށް ޖަލަށްލާން ހުކުމްކުރީ އެ ރަށު ފެހިވިލާގެ އުމުރުން 28 އަހަރުގެ މުހައްމަދު ފާރިގުގެ މައްޗަށެވެ.

ފުލުހުން ބުނީ، އޭނާގެ މައްޗަށް އެ ހުކުމްކުރީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ނޮވެމްބަރު، 2020 ގައި ހުށަހެޅި އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ޖެނުއަރީ 6، 2021ގަ އެވެ.

އޭނާ ޖަލަށްލާން ހުކުމް ކުރިއިރު އިއްޔެ ވެސް ވަނީ އުމުރުން 59 އަހަރުގެ މީހަކަށް ޑްރަގް ޓެރްފިކް ކުރުމުގެ ކުށް ސާބިތުގެ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އެއީ ސ. މީދޫ/ދަފްތަރު ނަމްބަރު 07، އަބްދުލްވައްހާބު އަހުމަދުގެ މައްޗަށެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވެސް މިދިޔަ މަހު ވަނީ އެފަދަ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އެ ހުކުމް އިއްވީ އެ ރަށު އަންހެނެއްގެ މައްޗަށެވެ. އެއީ ހަނިމާދޫ އެއާޕޯޓަށް ދިޔައިރު އެ މީހާ އަޅައިގެން ހުރި ބްރާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނިގެން ކުރި ދައުވާ ސާބިތުވެގެންނެވެ.