އާ އަހަރާ ދިމާކޮށް ފުލުހުން މާލޭގައި ހިންގާ ހާއްސަ އޮޕަރޭޝަންތަކެއްގައި ކުއްތާ ބޭނުން ކުރަން ނިންމައިފި އެވެ.

އާ އަހަރުގެ އުފާ ފާޅުކުރުންތަކުގެ ތެރޭގައި ބަނގުރާ ބުއިން ފަދަ ކަންކަން މާލެ އާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކުރެ އެވެ. އާ އަހަރާ ދިމާކޮށް ފުލުހުން ކުއްތާ ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަން މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެ އާއި މާލޭ ކައިރި ބައެއް ރަށްތަކުގައި ވެސް ހިންގާނެ ކަމަށް ފުލުހުން ބުނެ އެވެ.

"ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަސައްކަތްތަކަކީ އާ އަހަރާއި ދިމާކޮށް މާލެ އާއި މާލެ ކައިރި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ފަށާ އޮޕަރޭޝަނެއް،" ފުލުހުން ބުނެފައިވެ އެވެ.

އެ އޮޕަރޭޝަނުގައި ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓުތަކެއް ބައިވެރިވާނެ އެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ވެސް އެ އޮޕަރޭޝަނުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ އާ އަހަރަކާ ދިމާކޮށް ފުލުހުން މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގަ އެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގައި މީގެ ކުރިން ވަނީ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގެންފަ އެވެ.