ހުއްދަ ހޯދުމެއް ނެތި ރާއްޖެ ވަދެ އުޅެނިކޮށް އައި ގަދަ ކޮޅިގަނޑެއްގައި އޮޔާ ގޮސް އެންމެ ފަހުން އަޑިއަށް ދިޔަ ދެ ބޯޓު ވީ ތަނެއް ސާފުކޮށްދޭން އެ ދެ ބޯޓުގެ ކެޕްޓަން ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި އެދިއްޖެ އެވެ.
ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް ދެ ބޯޓު، މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮޔާ ދިޔައީ ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެންނެވެ.
އޮޔާ ގޮސް އެ އުޅަނދުތައް ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. ދެ ބޯޓު އަޑިއަށް ދިޔައީ ސިނަމާލެ ބްރިޖުގައި ވެސް ޖެހުނު ފަހުން، ރާއްޖޭގެ 30 ނޯޓިކަލް މޭލް ބޭރަށް ކަމަށް އެމްއެންޑީއެފުން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ބުނެފައި ވެ އެވެ. އެކަމަކު އޭގެ އިތުރު ތަފުސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.
ކަސްޓަމްސްގެ އޮފިޝަލަކު މިއަދު ވަނީ އަޑިއަށް ދިޔަ ކަމަށް ބުނާ ބޯޓުތައް ވީ ތަނެއް ސާފުކޮށްދިނުމަށް، އެ އުޅަނދުތަކުގެ ކެޕްޓަން ކަމާ ގުޅޭ އިދާރާތަކަށް ރޭ މެއިލް ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އޭގެ މެއިލްއެއް ކަސްޓަމްސް އަށާއި އެމްއެންޑީއެފްގެ އިތުުރުން ދައުލަތުގެ އެހެން ބައެއް އިދާރާތަކަށް ފޮނުވި ކަމަށް އެނގިފައި ވެ އެވެ.
އޮފިޝަލް ވިދާޅުވީ، ހުއްދަ ހޯދުމެއް ނެތި އެ ދެ ބޯޓު ރާއްޖެ ވަނުމާ ގުޅިގެން ކަސްޓަމްސް އިން ހިފަހައްޓައި، ކޮންމެ ބޯޓެއް 310،000ރ. އިން ޖޫރިމަނާކުރި އެވެ. ނަމަވެސް ދެ ބޯޓުގެ ޖޫރިމަނާ ކަމަށްވާ 620،000ރ. ނުދައްކާ ކަަމަށް ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވި އެވެ.
"އެ ޖޫރިމަނާ ނުދައްކައި އުޅެނިކޮށް ކާރިސާގައި ބޯޓު އަޑިއަށް މިދިޔައީ،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ދެ ބޯޓު އަޑިއަށް ދިޔައިރު މަސައްކަތް ކުރަމުން އައީ ލޯކަލް އެޖެނެްޓެއް ހޯދުމުގެ މަސައްކަތެވެ. އެކަމަކު އެ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް، ބޯޓުތަކުގެ ނަގިލި ކަހާލައިގެން ގޮސް އަޑިއަށް ދިޔައީ އެވެ.
އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައި ނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ މި އަހަރުގެ އެޕްރީލް 26 ގަ އެވެ.
ނަމަވެސް، އޯމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ އެ ދެ ބޯޓު، މާލެ ކައިރީގައި އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮތެވެ. ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ބޯޓުތައް ފާހަގަކުރެވުނީ އޭގެ ހަފުތާއެއް ފަހުން މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހެވެ.
"އޭއެލް 1" ގައި ތިބި އިންޑިއާގެ 11 މީހަކު ވަނީ މިދިޔަ ޖުލައި މަހު މޫސުން އެންމެ ގޯސްވި ދުވަސްވަރު އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ މީހުން އިތުރަށް ހާލުގައި ޖެހިފައިވާ ކަމަށް ބުނާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.