މާލެ ކައިރިން ރޭ އޮޔާދިޔަ ދެ ބޯޓަކީ ހާލުގައި ޖެހިފައިވާ ބަޔަކު އުޅޭތާ އެތައް ދުވަހެއް ވެފައިވާ ބޯޓެއް ކަމާއި އެ ބޮޑު ދެ ބޯޓަށް ބޭނުންކުރަނީ އެއް ނަގިލިކަން ވެސް އެނގިއްޖެ އެވެ.
"މިހާރު" އިން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައިނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ އެހެން ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހު 26 ގަ އެވެ.
އޯމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ އެ ދެ ބޯޓު، މާލެ ކައިރީގައި، އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮތެވެ. ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ބޯޓުތައް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެކަން ކަށަވަރު ވެސް ކޮށްދީފައިވެ އެވެ.
މި އަހަރުގެ މެދުތެރެއާ ހަމައަށް އައިއިރު، އެ ބޯޓުތަކުގައި ތިބި ފަޅުވެރިން ހާލަތު ވަރަށް ގޯސްކަން ވަނީ އެނގިފަ އެވެ. "އޭއެލް 1" ގައި ތިބި އިންޑިއާގެ 11 މީހަކު ވަނީ މިދިޔަ ޖުލައި މަހު މޫސުން އެންމެ ގޯސްވި ދުވަސްވަރު އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ މީހުން އިތުރަށް ހާލުގައި ޖެހިފައިވާ ކަމަށް ބުނާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އެ ދުވަސްވަރު އައި ކޮޅިގަނޑެއްގައި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުގެ ސަބަބުން އެ ބޯޓު އޮޔާދިއުމުގެ ނުރައްކާ އޮތް ކަމަށް ވެސް އެމީހުން ބުނެފައިވެ އެވެ.
އެ ދެ ބޯޓުގައި އިންޑިއާގެ ޖުމްލަ 20 ފަޅުވެރިއަކު އެބަތިއްބެވެ.
ތެލާއި ސާފު ބޯފެނާއި އަދި ކާބޯތަކެތި ހުސްވަމުންދާތީ، އެ މީހުން ވަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެހީއަށް ވެސް އެދިފަ އެވެ.
މާލެ ކައިރިން ރޭ އޮޔާދިޔައީ މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ކަސްޓަމްސް އިން ހޯދަން ވެސް ބުންޏެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އިދާރާއިން ކުރިއަށް ގެންދިޔައީ ބޯޓުގައި އެ ވަގުތު ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށާއި އެ އެންމެން ސަލާމަތްކޮށް، ކަސްޓަމްސްއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ނަމަވެސް، ކަސްޓަމްސް އިން މި ދެ ބޯޓާ ގުޅޭ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.
ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު ރޭ 10 ޖަހާކަށްހާއިރު އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންކަން ވަނީ އެނގިފަ އެވެ. އޮޔާ ގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އެ ހާދިސާގައި މާލޭގެ ފަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އޭގެ ފަހުން، ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާގައި ވެސް ޖެހުނެވެ. ބްރިޖުގައި ޖެހުނު ކަމަށް ބެލެވެނީ އެތަނުން އެއް ބޯޓުގެ ދަގަނޑުން ހަދާފައިވާ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ގޮސް އެ ބޯޓު އެންމެފަހުން މާލޭގެ ދެކުނު ފަރާތަށް އޮޔާ ގެންދިޔަ އެވެ.