މާލެ ކައިރިން ބޮޑު ދެ ބޯޓު އޮޔާދިޔަ ހާދިސާގައި މާލޭގެ ފަރާއި ސިނަމާލެ ބްރިޖަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި އެވެ.
އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު މިއަދު "މިހާރު"އަށް ވިދާޅުވީ ބޯޓެއް ފަރަށް އެރި ހާދިސާއެއްގެ ގޮތުގައި މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު ރޭ 10 ޖަހާކަށްހާއިރު އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންކަން ވަނީ އެނގިފަ އެވެ.
އޮޔާ ގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އެ ހާދިސާގައި މާލޭގެ ފަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ބައެއް މީހުން ބުނި ގޮތުގައި، ފަރު އޮތީ "އެއްކޮށް އޮމާން ކޮށްލައިފައި،" އެވެ.
އޭގެ ފަހުން، ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާގައި ވެސް ޖެހުނެވެ. ބްރިޖުގައި ޖެހުނު ކަމަށް ބެލެވެނީ އެތަނުން އެއް ބޯޓުގެ ދަގަނޑުން ހަދާފައިވާ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ގޮސް އެ ބޯޓު އެންމެފަހުން މާލޭގެ ދެކުނު ފަރާތަށް އޮޔާ ގެންދިޔަ އެވެ.
ސިނަމާލެ ބްރިޖު ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)ގެ މަސައްކަތްތެރިން، މި ހާދިސާ ހިނގި ފަހުން، ރެއިން ފެށިގެން އަންނަނީ ބްރިޖަށް ލިބިފައިވާ ގެއްލުންތައް ބަލަމުންކަން ވަނީ އެނގިފަ އެވެ.
މާލެ ކައިރިން ރޭ އޮޔާދިޔައީ މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފަ އެވެ.
ނަމަވެސް، ކަސްޓަމްސް އިން މި ދެ ބޯޓާ ގުޅޭ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށަށް ދެ ބޯޓު ގެންދިޔަ ސަބަބެއް ވެސް އެހެންވެ ނޭނގެ އެވެ.