މާލެ ކައިރިން ރޭ އޮޔާ ގޮސް ސިނަމާލެ ބްރިޖްގައި ޖެހުނު ދެ ބޯޓް ރާއްޖޭގެ 30 ނޯޓިކަލް މޭލް ބޭރަށް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފުން) މިރޭ ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ދެ ބޯޓު އަޑިއަށް ދިޔައީ އެއީ ވަރަށް ބާވެފައިވާ ދެބޯޓަށް ވާތީ ދިޔަވެގެން ކަމަށާއި އަދި އޭގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެވެ.
ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު ރޭ 10 ޖަހާކަށް ހާއިރު އޮޔާ ދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންކަން ވަނީ އެނގިފަ އެވެ.
އޮޔާ ގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އަދި އެ ހާދިސާގައި މާލޭގެ ފަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ބައެއް މީހުން ބުނި ގޮތުގައި ފަރު އޮތީ "އެއްކޮށް އޮމާން ކޮށްލައިފައި،" އެވެ
އޭގެ ފަހުން، ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާގައި ވެސް ޖެހުނެވެ. ބްރިޖުގައި ޖެހުނު ކަމަށް ބެލެވެނީ އެތަނުން އެއް ބޯޓުގެ ދަގަނޑުން ހަދާފައިވާ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ގޮސް އެ ބޯޓު އެންމެފަހުން މާލޭގެ ދެކުނު ފަރާތަށް އޮޔާ ދިޔަ އެވެ.
ސިނަމާލެ ބްރިޖް ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)ގެ މަސައްކަތްތެރިން މި ހާދިސާ ހިނގި ފަހުން ރެއިން ފެށިގެން ދަނީ ބްރިޖަށް ލިބިފައިވާ ގެއްލުންތައް ބަލަމުންކަން ވަނީ އެނގިފަ އެވެ.
މާލެ ކައިރިން ރޭ އޮޔާ ދިޔައީ މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފަ އެވެ.
އެ ދެ ބޯޓަކީ ހާލުގައި ޖެހިފައިވާ ބަޔަކު އުޅޭތާ އެތައް ދުވަހެއް ވެފައިވާ ބޯޓެއް ކަމާއި އެ ބޮޑު ދެ ބޯޓަށް ބޭނުންކުރަނީ އެއް ނަގިލިކަން އެނގިފައިވެ އެވެ.
"މިހާރު" އިން ބެލިބެލުމުން އެނގޭ ގޮތުގައި، އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައިނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ އެހެން ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހު 26 ގަ އެވެ.
އޯމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ އެ ދެ ބޯޓު، މާލެ ކައިރީގައި، އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮތެވެ. ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ބޯޓުތައް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެކަން ކަށަވަރު ވެސް ކޮށްދީފައިވެ އެވެ.